ނަފްރަތުގެ ބިލަށް، ހުށަހެޅި އައު އިސްލާހުތަކާއިއެކު މަޖިލީހަށް

ނަފްރަތުގެ ބިލަށް، ހުށަހެޅި އައު އިސްލާހުތަކާއިއެކު މަޖިލީހަށް

ނަފްރަތުގެ ޢަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އީލްމީ ބޭފުޅުންނާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވުނު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ ހިއްސާކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފައިވަނީ ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ބިލަށް ގެންނެވުމަށް ފާސްކުރައްވާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބަންޑާރަ ނައިބު ބޭއްވެވި ސިލްސިލާ ބައްދަލުވުންތައް މިއަދު ނިންމާލާފައިވާކަމަށެވެ.

އެގޮތުން މިއަދު ބޭއްވުނު ބައްދަލުވުމުގައި، އެ ބިލަށް ކޮމިޓީން ގެންނަވާފައިވާ އިޞްލާޙުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިޞްލާޙުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އެއްކޮށް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނު އިޞްލާޙުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ޙިއްޞާކުރެވިފައިކަމަށެވެ.

މިބިލު އެންމެ ފުރަތަމަ އޮތް ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރިނަމަވެސް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި، ކޯލިޝަން ބައިވެރިން ދެކޮޅު ހެދުމުން އެންމެ ފަހުން ސަރުކާރުންވަނީ މިބިލް އޮތްގޮތަށް ފާސްކުރުމަށް ދެކޮޅު ހައްދަވާފައެވެ.

އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ ޢަމަލު، ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ހުށައެޅި އިޞްލާހާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެބިލު ފޮނުވުމަށްފަހު އެ ބިލަށް އިސްލާހްތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުފުޅު ކުރެވިގެން ސަރުކާރުގެ ފަރާތުން އިސްލާހްތަކެއް ހުށަހަޅާފައިވާނެކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ސަރުކާރުން ހުށަހެޅި ބައެއް އިސްލާހްތައް ހިމަނާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެބިލު ފާސްވެގެން އަންނައިރު ހުށަހެޅިފައިވާ އިސްލާހުތަކާއެކު ފާސްވެގެން އައުމަކީ އުއްމީދެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *