ގޭގެއިން ކުނިނެގުމަށް މިހާރު ވެމްކޯއިން ހަރަކާތްތެރިވާ ގަޑިއަށް ބަދަލު ގެނެސް، ގޭގެއަށް ވަދެ ކުނި ނެގުމަށް ވެމްކޯއިން ތައްޔާރުވެއްޖެއެވެ.
ވެމްކޯ އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތައް ކޮންމެ އެޕާޓްމަންޓަކާއި ހަމައަށް ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނަގާނެ ކަމަށެވެ. އެކަމަކު ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުންނެވެ.
ކުނި ނެގުމަށް އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ބަދަލު އަންނައިރު އެންމެ ބޮޑު ބަދަލެއް ދެން އަންނާނީ ކުނި ނަގާ ގަޑިއަށެވެ. ކުނި ނަގާނެ ގަޑިތަކެއްގެ ގޮތުގައި ވެމްކޯއިން ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ކުން ފެށިގެން ރޭގަނޑުގެ 11 ޖެހުމާހަމައަށެވެ. ވެމްކޯއިން ވިދާޅުވީ މިގޮތަށް ނިންމީ ސިޓީ ކައުންސިލާވެސް މަޝްވަރާކުރެވުމަށްފަހުކަމަށެވެ. އެގަޑި ހަމަޖެއްސުމުގެ އެންމެ ބޮޑު މަޤްސަދަކީ މަގުމަތީގައި ކުނި ގެންގުޅޭ ގަޑިއަކީ ސްކޫލް ކުދިންނާއި އޮފީސްތަކަށް މީހުންދާ ވަގުތު ނޫން ގަޑިއަކަށް ހެދުން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
އާދަމް ވިދާޅުވީ ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގިނަ އަދަދެއްގެ ގޭބީސީތައް އެބަހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ދެން ހިދުމަތް ދޭނީ ފައިސާ ނުދައްކާ ހުރި ބިލްތަކުގެ ތެރެއިން މިދިޔަ ތިން މަހުގެ ބިލް ފިޔަވައި އެހެން ބިލްތަކަށް ފައިސާ ދެއްކުމުން ކަމަށް ވިދާޅުވިއެވެ. ކުނި އުކުމަށް އެޢިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކުގެ ގޭބިސީތަކުން ވަކިވަކިން ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ޢިމާރާތުގެ ވެރިފަރާތާއެކު އެއްބަސްވުމެއް ޤާއިމުކުރެވި ކުނި ނެގުމަށް ޢިމާރާތުގެ ވެރިފަރާތުން ވެމްކޯގައި ރަޖިސްޓްރީވުމަށް ވެމްކޯއިންވަނީ ހުޅުވާލާފައެވެ.
ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް ކޮންމެ ދުވަހެއްގައިވެސް ވެމްކޯގެ ޑްރައިވަރުންނާއި ލޮޖިސްޓިކްސްއާއި ސުޕަވައިޒަރުންނާއި ކުނި ނެގުމަށް ޙަރަކާތްތެރިވާ ފަރާތްތަކާއި މަގުމަތީ ކުނި ކަހާ ފަރާތްތަކުގެ ގޮތުގައި ކޮންމެ ދުވަހަކުވެސް 400އާއި 500 އާއި ދެމެދުގެ ޢަދަދަކަށް މުވައްޒަފުން ޙަރަކާތްތެރިވަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވެއެވެ.