ފައިޒަރ/ބައޯއެންޓެކް ކޯވިޑް19 ދެޑޯޒްގެ ވެކްސިނުންނާއި އަދި އޮކްސްފޯޑް/އެސްޓްރާ ޒެނެކާ ކޯވިޑް19 ވެކްސިނުން ފޯރުކޮށްދޭ ރައްކާތެރިކަން އެންމެ 6 މަސްދުވަހުގެ ތެރޭގައި ނެތިދާން ފަށާކަމަށް އިނގިރޭސިވިލާތުގެ ރިސާޗަރުން ކުރި ދިރާސާތަކުން ދައްކައިފިއެވެ.
އަދި މި ދިރާސާތަކުގެ އަލީގައި، ކޯވިޑް19ގެ ބޫސްޓަރ ޑޯޒް (ގިނަ ވެކްސިންތަކުގެ 3 ވަނަ ޑޯޒު)ގެ މުހިންމުކަންވެސް ދިރާސާ ކުރި ފަރާތްތަކުންވަނީ ފާހަގަ ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ޒޯއި ކޯވިޑް ދިރާސާތަކަށް އެއްކުރި މިޑާޓާތަކުން ދައްކާފައިވާ ގޮތުގައި، ފައިޒަރ ކޯވިޑް19 ވެކްސިންގެ ދެވަނަ ޑޯޒު ޖަހާތާ ފުރަތަމަ މަހަށްފަހު، ރައްކަތެރިކަން ފޯރުކޮށްދޭ މިންވަރު %88 އިން %74އަށް ދަށް ވެއެވެ.
އަދި އެސްޓްރާޒެނެކާ ވެކްސިންއިން ފޯރުކޮށްދޭ ރައްކާތެރިކަމުގެ މިންވަރު މިވެކްސިން ޖަހާތާ 4ވަނަ މަހާއި 5ވަނަ މަހާއި ދެމެދު %77އިން %67 އަށް ދަށްވެގެން ދެއެވެ.
މި ދިރާސާ ހަދާފައިވަނީ، އެއްކުރެވުނު 1.2 މިލިއަން ޓެސްޓުގެ ނަތީޖާއަށް ބަރޯސާ ކޮށްގެންނެވެ.
މީގެ ކުރިން މި ޑާޓާތަކުގެ ބޭނުން ކޮށްގެން ހަދާފައިވާ ދިރާސާއިން ދައްކާފައިވާ ގޮތުގައި، މި ވެކްސިންތަކުން ފޯރުކޮށްދޭ ރައްކާތެރިކަން އެންމެ މަދުވެގެންވެސް 6 މަސްދުވަހަށް ދެމިހުރެއެވެ.
ޒޯއި ކޯވިޑް ދިރާސާގެ ޕްރިންސިޕަލް އިންވެސްޓިގޭޓާރ ޓިމް ސްޕެކްޓަރ ވިދާޅުވެފައިވާ ގޮތުގައި އެންމެ ގޯސް ހާލަތުގައިވެސް، އުމުރުން ދުވަސްވީ މީހުންނާއި އަދި ސިއްޙީ އެހީތެރިންނަށް މި ވެކްސިންތަކުން ފޯރުކޮށްދީފައިވާ ރައްކާތެރިކަމުގެ މިންވަރު ދެން އަންނަ ފިނި މޫސުމާހަމަށް (ވިންޓަރ އާއި ހަމައަށް) ދަށްވެގެން ދާނީ %50ގެ މިންގަޑެއްގައެވެ.
ހުޅަގުގެ ގައުމުތަކަށް ފިނިމޫން އަންނާނީ އަހަރުގެ ފަހުކޮޅުއެވެ.
"މި ދިރާސާގެ ސަބަބުން، މިކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެބަ ހާމަވެގެން ދޭ. ބަލި ޖެހޭ މިންވަރުވެސް ނުހަނު މަތީގައި ވަނިކޮށް، އަދި ބަލި ޖެހުމުގެ ފުރުސަތުވެސް އިންތިހާއަށް މަތީގައި ވަނިކޮށް، ވެކްސިންތަކުން މިހާރު ފޯރުކޮށްދީފައިވާ ރައްކަތެރިކަން މަޑުމަޑުން ނެތިގެންދާ މަންޒަރަށް ބަލަަހައްޓައިގެން އަހަރެމެންނަށް ނުތިބެވޭނެ،" ބީބީސީ ޓެލެވިޒަންއާއި ވާހަކަ ދައްކަވަމުން ސްޕެކްޓަރ ވިދާޅުވެފައި ވެއެވެ.
އިނގިރޭސިވިލާތުގައި، ވެކްސިނާބެހޭ އެންމެ އިސް މުޝީރުންގެ ލަފާގެމަތިން، އެގައުމުން މިހާރު ތައްޔާރު ވަމުންދަނީ، ވެކްސިންގެ ބޫސްޓަރ ޑޯޒް ކެމްޕޭން (ތިންވަނަ ޑޯޒް ދިނުމަށް ކުރިޔަށް ގެންދާ ކެމްޕޭން) މިއަހަރު ފަހުކޮޅު ފެށުމަށެވެ. އަދި، ވެކްސިންއާބެހޭ ޚާއްސަ މުޝީރުން ލަފާ ދީފައިވަނީ، އިނގިރޭސިވިލާތުގެ އުމުރުން ދުވަސްވީ މީހުންނަށާއި އަދި ސިއްޙީގޮތުން ނާޒުކު ޙާލަތުގައި ތިބި ފަރާތްތަކަށް ބޫސްޓަރ ޑޯޒް އަންނަ ސެޕްޓެމްބަރު މަހުންފެށިގްނެ ދޭން ފެށުމަށެވެ.