ރައީސް ނަޝީދާއި، ނުލައި އެމްޑީޕީއަށް ކާމިޔާބެއް ނުހޯދޭނެ: ދޮންބިލޭ

ރައީސް ނަޝީދާއި، ނުލައި އެމްޑީޕީއަށް ކާމިޔާބެއް ނުހޯދޭނެ: ދޮންބިލޭ

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 08:55
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ނުލައި އިންތިޚާބު ތަކުގައިވެސް އަދި އެނޫން ކަންކަމުގައިވެސް ކާމިޔާބު ނުހޯދޭނެކަމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު ބިލެއްދޫ ދައިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މެއި 6 ކޮމެޓީން ކުރަމުންދަ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އެމްޑީޕީ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގެވެސް އެންމެ ބޮޑު ހިސްސާއެއް އޮތީ ރައީސް ނަޝީދާއި އެކުގައިކަމަށެވެ. ކުރިއަށް އޮތީ ސިޔާސީ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކަކަށްވާއިރު، ރައީސް ނަޝީދު ރާއްޖެ ގެނެސް، އެމަނިކުފާނުގެ ސިޔާސީ ތަޖުރިބައާއިއެކު އެމްޑީޕީއަށް ކުރިއަށް ދެވޭނެ މަގެއް ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ސައްތައިން ސައްތަ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށްވިޔަސް، އެމްޑީޕީގެ 40 ޕަސެންޓް ހިސްސާވެސް އެބައޮތްކަމަށެވެ. ގިނަ ޕާޓީ އެކުލެވޭ ވެރިކަމެއް ކުރަމުންދިޔަ ނަމަވެސް ސަރުކާރުގައި އޮތް އެމްޑީޕީގެ ހިއްސާގެ ބޭނުން ކުރައްވައި، ރައީސް ނަޝީދަށް އަލުން ރާއްޖެ ގެނެވޭނެ ގޮތެސް އެންމެން ވެގެން ކުރަންޖެހޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު ތަކުގައި އެމްޑީޕީން ރައީސް ނަޝީދާއި ނުލައި އިންތިޚާބުތަކުގައި ވާދަކޮށްދިނަމަ ކާމިޔާބުވާ ތަނެއް ނުފެންކަމަށެވެ. މިހާތަނަށްވެސް ނިމިދޔަ ހުރިހާ އިންތިޚާބެއްގެ ކާމިޔާބީގެ ހަގީގީ މޭސްތިރިޔަކީ ރައީސް ނަޝީދުކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ސަރުކާރުގެ ފަރާތުން ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި ވީހާވެސް އަވަހަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ އެ ގައުމުގައި ހުންނެވި އިތުރު ފަރުވާއަށެވެ. އޭގެ ކުރިން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަސް ވަން ދެން އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ. ދިވެހި ދައުލަތުން ރައީސް ނަޝީދަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ނުދެވިދާނެ ކަމުގެ ކަންބޮޑުވުމުން ނަޝީދުގެ އަރިސް ބައެއް މެންބަރުން ދަނީ ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް ރާއްޖެ ވަޑައިގަތުމަށް އެ ބޭފުޅުން ތާއީދެއް ނުކުރައްވައެވެ.

މި ގޮތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގައި ނަޝީދަށް ސެކުއިރިޓީ ދިނުމުގައި އޮތް އިހުމާލުތައް ފާހަގަކޮށްފައި އޮތެވެ. އެމަނިކުފާނުގެ ސެކުއިރިޓީ ވަރުގަދަ ކުރަން ކޮމިޓީގެ ފަރާތުން ހުށަހެޅުންތަކެއް ވެސް އޭގައި ހިމެނިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެސް އަރުވާފައިވާ އެ ރިޕޯޓާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ނަޝީދަށް ފުރިހަމަ ރައްކާތެރިކަން ސަރުކާރުން ދޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

ނަޝީދަށް ދޭން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އަމާޒު ކުރެވުނު އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ނަޝީދުގެ ސެކުއިރިޓީއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެރަފަ ގަންޖާ
އަންނީއާނުލާ އެއްކަމެއްވެސްނުވާނެ ތީލާލުމުޖައްކިޅު