ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ނަފްރަތުގެ ބިލާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި، ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތަކާއިއެކު އަވަހަށް ފާސްކުރުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް ހުށާހެޅި އިސްލާހު ފުރަތަމަ ހުށަހެޅިގޮތަށް ފާސްކުރަން މިހާރު ނޭދޭ ކަމަށާއި ރައްޔިތުން އެދޭ އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިއަދު ވިދާޅުވެފައެވެ.
ރައީސްގެ ވާހަތަކަށް ތާއީދުކޮށް ޒައިދު ވިދާޅުވީ ސަރުކާރުންވެސް ގޯސްކޮށް ކަމެއްކޮށްފިނަމަ އެކަމެއް އިސްލާހު ކުރަންޖެހޭކަމަށެވެ. އެގޮތުން ނަފްރަތުގެ ބިލު ސަރުކާރުން ހުށަހެޅިއިރު ހުރި ގޯސްތައް ރަނގަޅު ކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ. އަދި މިހާރު ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއިއެކު ބިލް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅަށް 100 ޕަސެންޓް ތާއީދު. ސަރުކާރުން ފޮނުވިޔަސް އިސްލާހު ކުރަން ޖެހޭނަމަ އެކަން ޤަބޫލުކޮށް އިސްލާހު ކުރަންޖެހޭ! އެއީކީ ޤުރުއާނެއްނޫން ބަދަލު ނުގެނެވޭކަށް! އަޅުގަނޑު ގޮވާލަނީ އިސްލާމިކް މިނިސްޓްރީން ނަފްރަތުގެ ބިލަށް ހުށަހެޅި އިސްލާހުތަކާއިއެކު ބިލް އަވަހަށް ފާސްކުރައްވާށޭ.
– އަލީ ޒައިދު
ރައީސް ވިދާޅުވީ ނަފްރަތުގެ ބިލު މަޖިލީހަށް ފޮނުވުމަށްފަހު އެއާމެދު ވިސްނިއިރު، އާންމުންގެ ޚިޔާލުތަކާއިއެކު އެ ބިލަށް އިސްލާހްތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުކުރެވިގެން ސަރުކާރުގެ ފަރާތުން އިސްލާހްތަކެއް ހުށަހަޅާފައި ވާނެކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ސަރުކާރުން ހުށަހެޅި ބައެއް އިސްލާހްތައް ހިމަނާފައި ވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު އެދެނީ އެބިލް ފާސްވެގެން އަންނައިރު އޭގައި ހުރި މައްސަލަތައް ހައްލުވެ، ހުށަހެޅިފައިވާ އިސްލާހުތަކާއެކު ފާސްވެގެން އައުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޤާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ހުށައެޅުއްވި އިޞްލާހާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ވަނީ “ނަފްރަތު” އިންތިހާއަށް އުފެދި، ބޮޑު ބައިބައިވުންތަކެއް އުފެދިފައެވެ. ކޯލިޝަންގެ ތެރޭގައި ހިނެނޭ މައިޕާޓީގެ ރައީސް، މުޙައްމަދު ނަޝީދާއި، ރައީސް ޞާލިހާއި އޮތް ސިޔާސީ ގުޅުންވެސް ވަނީ މިބިލާއި ގުޅިގެން ކަޑާލާފައެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ރައީސް ނަޝީދާއި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންދަނީ ހޫނު ރައްދު ތަކެއް ދެއްވަމުންނެވެ.
މި ބިލާމެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ބިލު ވަނީ ފޮނުވާފައެވެ. ފުރަތަމަ މަސައްކަތް ކުރީ ނިމިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ބިލު ފާސްކުރުމަށެވެ. ނަމަވެސް އެމްޑީޕީ ތެރެއިން މިބިލާއި ދެކޮޅަށް މަސައްކަތް ފަށާއި، އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ