ތިނަދޫ ޒުވާނުންގެ ފަރާތުން، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ކުދިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ޕޮލިޓެކްނިކުގެ ޚާއްސަ ކޯހެއް ހިލޭ ހިންގައިދޭގޮތަށް ހަމަޖައްސައިފި އެވެ.
މިކަން ހަމަޖައްސައި އިއުލާން ކޮށްފައިވަނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް "ތެނަދޫ ޔޫރޯ ފޯރި" މިނަމުގައި ކްލަބު ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ހިންގި ޚާއްސަ ޙަރަކާތުގެ ތެރެއިން، އެ ހަރަކާތް ހިންގި ގދ.ތިނަދޫ ޒުވާނުންގެ ފަރާތުންނެވެ. މިއީ މުޅިން ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
ޕޮލިޓެކްނިކުގެ ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވީ މިކޯސް ވެގެންދާނީ ލޯފަން ކުދިންނަށް ޚާއްސަކޮށްގެން އެކުދިންނާ ގުޅޭ ގޮތަށް ކުރިއަށްގެންދާ، އެކުދިން ބޭނުންވާ ކޮންމެވެސް ދާއިރާއެއްގެ ކޯހަކަށް ކަމަށެވެ. މީގެ އިތުރުން އަޙްމަދު ވިދާޅުވީ އާންމުގޮތެއްގައި ލޯފަން ކުދިންނަކީ ދަސްކުރުމުގެ ބާރު ގަދަ ބައެއްކަމުން ކިޔެވޭނެ ފުރުސަތު ފަހި ވުމާއެކު ކިޔަވާ ދާއިރާއަކުން ކާމިޔާބު ހޯދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މިފަދަ ފުރުސަތެއް މިފަދަ ކުދިބަޔަކަށް ފަހިކޮށްދެވުމަކީ އެ މުއައްސަސާއިން ނުހަނު އުފާކުރާކަމެއް ކަމެއް ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.
މިފުރުސަރު ފަހިކޮށްދިން "ތެނަދޫ ޔޫރޯ ފޯރި" ޓީމުން ބުނީ އެމީހުން ފެށި މަސައްކަތަކީ ލޮލުގެ ފެނުން މަޙްރޫމްވެފައިވާ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ޔޫރޯގެ މެޗްތަކުގެ ލައިވް ކޮމެންޓްރީ ވަގުތުން ގެނެސްދިނުންކަމަށެވެ. އެހެންނަމަވެސް ކާމިޔާބުކަމާއެކު އެކަން ނިމިގެންދިޔައިރު، މިއީ އެއަސްވުރެ މާ ފުޅާ ކާމިޔާބު މަސައްކަތަކަށްވެފައިވާކަމަށެވެ. މިކަން ނިމިނިގެންދާއިރު، ލޯފަންކުދިންގެ މުސްތަޤުބަލަށްވެސް ފައިދާކުރާނެ މުހިންމު ހަދިޔާއެއް އެކުދިންނަށް ދިނުމަކީ ތިނަދޫ ޒުވާނުންގެ މަޤުސަދުތަކަށް އެޓީމުން ބުންޏެވެ.
"ތެނަދޫ ޔޫރޯ ފޯރި" މެދުވެރިކޮށް ލޯފަން ކުދިންނަށް ޔޫރޯގެ މެޗްތަކުގެ ދިވެހި ކޮމެންޓްރީ ގެނެސްދިން ސާއިދު އަޙްމަދު ބުނީ މި ޔޫރޯ ފޯރި ހަރަކާތުން މިކަން ފެށިގެން ދިޔަޔަސް މިހާރު މިކަމަކީ އެއަށްވުރެ ބޮޑު ކަމެއް ކަމަށެވެ. އަދި ލޯފަން ކުދިންނަށް މިފަދަ ފުރުސަތެއް ފަހި ކޮށްދިނުމަކީ އޭނާ ވަރަށް ބޭނުންވި ކަމެއް ކަމަށް ސާއިދު ބުންޏެވެ.
މިކޯސް ހިންގާ ފަރާތާ ކުދިންނާ ގުޅުވައިދީ އެކަންކަމުގެ އެންމެހައި އިންތިޒާމުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލޯފަން ކުދިންގެ ޙައްޤުގައި މަސައްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް" މެދުވެގެންނެވެ.