ނަފްރަތު ބިލު އަނެއްކަވެސް ކޮމިޓީއަށް

ނަފްރަތު ބިލު އަނެއްކަވެސް ކޮމިޓީއަށް

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.

ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ގޮތަށް ކޮމެޓީއަށް ފޮނުވުމަށް ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީން ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ބިލު ސްޕޮންސާކުރުމަށް ފަހު ބިލުގެ ދިފާއުގައި ނުނިކުންނަވައި ބިލު ހުށަހެޅުއްވި ހިސާން ނުރައްކަލަށް ހުށަހެޅުއްވި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް މިއަދު ކުރި ހޫނު ބަސްގައި ސަރުކާރަށް ގިނަ ހަމަލާތަކެއް އެމްޑީޕީގެ ޕީޖީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ދެއްވާފައެވެ. ބޮންޑޭ ވިދާޅުވީ މިބިލަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އޮއްބާލުމަށް ވަރަށް ރޭވިގެން މަޖިލީހަށް ހުށަހެޅުނު ބިލެއް ކަމަށެވެ. މިބިލުގެ ބަހުސް ރައްޔިތުންގެ މެދުގައި ކުރުމަށް މަގު ހުޅުވާލައި، ނަޝީދުގެ މައްސަލަ އޮއްބާލުމަކީ ސަރުކާރުގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވަނީ މަޖިލީ ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ތާއީދު އޮތް ސިޔާސީ ޝަހުޝިއްޝަތުކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށްވެސް ބޮންޑޭ ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ރަނގަޅަށް ނުހިގާތީ ރައީސް ޞާލިހު ދުނިޔޭގެ ލަދަށްވެސް އިސްތިއުފާ ދެއްވަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހެވެ. އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ. މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

މީގެ އިތުރުން ބިލުގެ ފުރަތަމަ މާއްދާއަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެއަށް އަކުރެއް ވަނީ އިތުރުކޮށްފައެވެ. އެއީ ކުށަކަށް ނުވާނެ ގޮތުގެ އިސްތިސްނާ ހާލަތެއް ކަމުގައި ބަޔާން ކުރާ އަކުރެކެވެ. އެއީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅު ކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުއްދަތުވާނެ އަމަލެއް ކޮށްފިނަމަ އެ ކަމުގެ ތުހުމަތު ކުރުމުގެ ހާލަތެވެ. އެހެންކަމުން އެ ހާލަތުގައި ކާފަރަށް ގޮވުމުގެ ހުއްދަ ލިބޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *