ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ރ.އަތޮޅު ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަޙުމަދެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ހޮތަށް 4,960 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 03 އޮކްޓޯބަރ 2020 ގައި ފެށިފައިވާއިރު، މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރަނީ 300 ދުވަސް ތެރޭގައެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ %77 ވަނީ ނިމިފައެވެ. އެމްޓީސީސީ، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ އަދި ދުވާފަރު ދާއިރާގެ މެންބަރު ވަނީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ 1 އޮކްޓޫބަރު 2020 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *