ޝެންޖެން، ޗައިނާ – އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކާ ދެމެދު އަމަލީ އެއްބާރުލުން އިތުރުކުރުމަށް ޗައިނާއިން 20 މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު އިއުލާން ކުރައްވައިފި އެވެ.
ޝެންޖެންގައި ކުރިއަށްދާ އޭޕެކް ސަމިޓްގެ ވެރިންގެ ވަށް މޭޒު ޖަލްސާ ހުޅުއްވައިދެއްވަމުން ރައީސް ޝީ ވިދާޅުވީ، ސިޔާސަތުތައް ދިރާސާކޮށް ފިކުރީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ސެންޓަރ ފޯ އޭޝިއާ-ޕެސިފިކް ކޮމިއުނިޓީ ސްޓަޑީޒް" ޝެންޖެންގައި ގާއިމުކުރާނެ ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ، ގައުމުތަކުގެ މެދުގައި ޑޭޓާ ހިއްސާކުރުން، ސާފު ހަކަތަ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި މަރުކަޒުން އެހީތެރިވާނެ އެވެ.
އޭޕެކްގެ މެމްބަރު ގައުމުތަކަކީ "އެއް އޮޑިއެއްގައި ދަތުރުކުރާ ފަސިންޖަރުން" ކަމަށް ސިފަކުރެއްވި ޝީ، ހުޅުވާލެވިފައިވާ، އީޖާދީ އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ގޮވާލެއްވި އެވެ. އެކަމަށްޓަކައި މިނިވަން ވިޔަފާރީގެ ސަރަހައްދެއް ގާއިމުކުރުން، ސްމާޓް ކަސްޓަމްސް އަދި ހުރަސް-ބޯޑާ ޕޭމަންޓް ވަރުގަދަކުރުން، އޭއައި ބޭނުންކޮށްގެން ސިނާއަތްތައް ޒަމާނީކުރުން، އަދި ހަކަތައާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ކަންކަން ޝީ ފާހަގަކުރެއްވި އެވެ.
ރާއްޖެއަކީ އޭޕެކްގެ މެމްބަރަކަށް ނުވި ނަމަވެސް، މި ދާއިރާތަކުގައި ކުރާ އެއްބާރުލުމުން ރާއްޖެއަށް ވެސް ފައިދާ ކުރެވިދާނެ އެވެ. މި އަހަރު ރާއްޖެއަށް އައި 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން 342,376 ފަތުރުވެރިން ޗައިނާއިން އައުމާއެކު، ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓެވެ. ދަތުރުފަތުރާއި ހުރަސް-ބޯޑާ ޕޭމަންޓް ފަސޭހަވުމުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ އެވެ.
ކޮމެންޓު ފޮނުވާ