ރަސްމާލެއާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ބަލައިގަނެފި، ޒޯނުގައި ރަލާއި އޫރުމަސް މަނާ

ރަސްމާލެއާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ބަލައިގަނެފި، ޒޯނުގައި ރަލާއި އޫރުމަސް މަނާ

Author
އަހުމަދު
19 ނޮވެމްބަރ 2026 01:52
0

ރަސްމާލެ މަޝްރޫއާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލާއި، މަރުގެ އަދަބު ތަންފީޒުކުރާ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ބަލައިގަނެފިއެވެ.

ރިއަލް އެސްޓޭޓް ބިލު ބަލައިގަތީ 42 މެންބަރުންގެ ތާއީދާއެކުއެވެ. އޭގެ ދެކޮޅަށް 13 މެންބަރަކު ވޯޓު ދިނެވެ. މަރުގެ އަދަބު ތަންފީޒުކުރާ ބިލު ބަލައިގަތީ ވޯޓުލި 56 މެންބަރުންގެ އިއްތިފާގުންނެވެ. އަބުރު ރައްކާތެރިކުރުމުގެ ބިލަށް 44 މެންބަރުން ތާއީދުކުރިއިރު، ހަތަރު މެންބަރަކު ދެކޮޅަށް ވޯޓު ދީފައިވާއިރު ހަތް މެންބަރުން ވަކި ގޮތަކަށް ވޯޓު ނުދެއެވެ.

ރިއަލް އެސްޓޭޓް ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. ބިލުގައިވާ ގޮތުން ރަސްމާލޭގައި ބޭރު ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދުގައި ވެސް ހިނގާނީ ދިވެހި ގާނޫނެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ބާރުތަކުންނެވެ. އަދި ޖުވާކުޅުމާއި އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަން އެ ސަރަހައްދުގައި ވެސް މަނާކޮށް، ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކޮށްފައިވެއެވެ. ފަތުރުވެރިކަމުގެ ޚިދުމަތްތަކަށް ހުއްދަ ދޫކުރާނީ ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުންނެވެ.

ރަސްމާލޭގައި ވޯޓަރފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ ސެޕްޓެންބަރު 21 ގައި އަބޫދާބީގައެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މުޙައްމަދު އަލްޢައްބާރެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު ހުށަހެޅުއްވީ ޕީއެންސީގެ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. ގާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތު ކަނޑައަޅާ އޮނިގަނޑެއް ތައާރަފްކުރުމަށް ބިލު ހުށަހެޅި ކަމަށް ވިދާޅުވި އެވެ. ބިލުގައިވާ ގޮތުން، ދަށު ކޯޓަކުން މަރުގެ ހުކުމެއް ކުރެވިއްޖެނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި ކަންހިނގި ގޮތް މަތީ ކޯޓަކުން ބަލަން ޖެހޭނެއެވެ. އަދި މަރުގެ އަދަބު ކަނޑައަޅަންވާނީ މިނިވަން ކޯޓެއްގައި ހާމަކަމާއެކު ބާއްވާ ޝަރީޢަތަކަށްފަހު ކަމަށާއި، އަދަބު ތަންފީޒުކުރުމުގެ ކުރިން ސުޕްރީމް ކޯޓުން މައްސަލަ ބަލަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.