އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސް މިއަދު ނިމިއްޖެއެވެ. މިދިޔަ ހޯމަ ދުވަހު ފެށި ބަހުސްގައި ވާހަކަދެއްކެވީ ޖުމްލަ 41 މެންބަރަކު ކަމުން، މަޖިލީހުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެންބަރުން ބަހުސްގައި ބައިވެރިވިއެވެ. ކޮންމެ މެންބަރަކަށް ދެވުނީ 15 މިނެޓެވެ. ކުރީ އަހަރާ އެއްފަދައިން، މިއަހަރު ވެސް ބަހުސަށް މެންބަރުން ދެއްކެވި ޝައުގު ވަނީ ކުޑަކޮށެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން މާދަމާއާ ހަމައަށް ބަޖެޓު ދިރާސާކޮށް ނިންމުމަށް ނިންމާފައިވެއެވެ. ކޮމިޓީން ބަޖެޓު ފާސްކުރުމުން، ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓު ދެވޭނެއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ނަމަވެސް ދައުލަތް ހިންގުމަށް ކުރާ ރިކަރަންޓު ޚަރަދު އިތުރުވެ، އަންނަ އަހަރު އެ ޚަރަދު 42.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ