ވެހިކަލް ފީއިން ލިބޭ ފައިސާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޚާއްޞަކުރަނީ: ސަޢީދު

ވެހިކަލް ފީއިން ލިބޭ ފައިސާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޚާއްޞަކުރަނީ: ސަޢީދު

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 08:26
0

ވެހިކަލްތަކާ ގުޅިގެން ދައުލަތަށް ލިބޭ ހުރިހާ ފީއެއް ކުރިއަށް އޮތް ތަނުގައި ޚަރަދުކުރާނީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ދަތުރުފަތުރުގެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ގްރޭޓަރ މާލެ މޯބިލިޓީ އެންޑް ޓްރާންސްޕޯޓް އޮފީސް" އިން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 11 މައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ހަނި މަގުތަކުގެ ފަރުމާއަށް ބަދަލު ގެނައުމާއި، ޓްރެފިކް މޮނީޓަރކުރާ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމާއި، ޓްރެފިކް ލައިޓް އިތުރުކުރުމާއި، ޕާކިންގ މައްސަލައަށް އައު އިޖާދީ ހައްލުތައް ހޯދުން ހިމެނޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ، ވެހިކަލް ރަޖިސްޓްރީ ފީއާއި އަހަރީ ފީގެ ގޮތުގައި މާލޭ ސަރަޙައްދުން އެކަނިވެސް އަހަރަކު 220 މިލިއަން ރުފިޔާ ލިބޭ ކަމަށާއި، މި ފައިސާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޚާއްޞަކުރެއްވިއްޖެނަމަ، އެ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓު ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތުން މި ފައިސާ ދަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި، ކައުންސިލުން މި ފައިސާ ބޭނުންކުރަނީ ޑިސާސްޓާ މެނޭޖުމަންޓާއި މިސްކިތް ބެލެހެއްޓުން ފަދަ އެހެން ހަރަކާތްތަކަށް ކަމަށް މޭޔަރު ވިދާޅުވި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ. ވެހިކަލް ފީއަކީ ވަކި ޚާއްޞަ މަޤްޞަދެއްގައި ނަގާ ފީއެއް ކަމަށާއި، ސިޓީ ކައުންސިލުން ދޭންޖެހޭ އެހެން ޚިދުމަތްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓާއި، ކައުންސިލަށް ލިބޭ އެހެން އާމްދަނީ ބޭނުންކުރެވޭނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.