ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުޞަތު ނުދޭނަން: މުންދު

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުޞަތު ނުދޭނަން: މުންދު

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 08:33
0

ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، "ޕްރެސަރ ވިތް ދަ ސްޕޯކްސް" ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ހަވީރު 4:00 އަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ސްޓޫޑިއޯގައި ބާއްވަން ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުމަށް "އަދަދު" ނޫހުގެ ނޫސްވެރިއަކު ގަދަކަމުން ވަދެގަނެ ހުރަސްއެޅުމާ ގުޅިގެންނެވެ. މި ހަމަނުޖެހުމާ ގުޅިގެން ބައްދަލުވުން ވަނީ ފަސްކުރަން ޖެހިފައެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ ސްޓޫޑިއޯއަށް ވަދެ، އެތަނުން ނުކުތުމަށް އިންކާރުކުރީ ކުރިން ކޯޓު އަމުރަކާ ޚިލާފުވެގެން ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވާ ލީވާން ޢަލީ ނަޞީރެވެ. ނޫސްވެރިކަމުގެ ނަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދައުލަތުގެ މީޑިއާގެ އިމާރާތަށް ހުއްދަނެތި ވަދެގަތް މައްސަލައިގައި ޕީއެސްއެމުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޕްރެސްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވަނީ ސްކްރީންކުރެވިފައިވާ ރަސްމީ ގްރޫޕެއް މެދުވެރިކޮށް ކަމަށާއި، އިއްޔެގެ ބައްދަލުވުމަށް 20 އެއްހާ ނޫސްވެރިން ރަސްމީކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދަދު ނޫހަށް ފުރުޞަތު ނުދޭން ސަރުކާރުން ނިންމީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިއަކު، ސުލޫކީ މިންގަނޑުތަކާ ޚިލާފަށް، ކޯޓު އަމުރަކާ ޚިލާފުވެ، ރައީސްގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ތުހުމަތުތަކެއް އެޅުވުމާ ގުޅިގެންނެވެ.

ކެންސަލްކުރި ބައްދަލުވުން ދެން އޮންނާނީ ފަހުގެ ތާރީޚެއްގައި ކަމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.