ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާ "ޕީޖީއޯ 2.0″ މަޝްރޫޢުގެ ޖުމުލަ އަގަކީ 12 މިލިއަން ރުފިޔާ ކަމަށާއި، ދެ އަހަރު ދުވަހުގެ މި މަޝްރޫޢު ނިމުމުން އަދުލުއިންސާފުގެ ނިޒާމު ބޮޑުތަނުން ހަލުވިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޢައްބާސް ވިދާޅުވީ، މަޝްރޫޢު ނިމުމުން ޕީޖީ އޮފީހުގެ ކައުންޓަރުން ދެމުން އައި ހުރިހާ ޚިދުމަތެއް 'އީ-ދޮރޯށި' އާއި އީފާސް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް އޮފީހަށް ހާޒިރުވާން ނުޖެހި ޚިދުމަތް ފުރިހަމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ތަޙުޤީޤީ އިދާރާތަކުން ފޮނުވާ މައްސަލަތައް އިލެކްޓްރޯނިކްކޮށް ޕްރޮސެކިއުޓަރާ ހަމައަށް ފޯރުމުން 15 މިނެޓް ތެރޭ ފުރަތަމަ މަރުޙަލާ ނިންމާލެވޭނެ ކަމަށާއި، މިހާރު 24 އިން 48 ގަޑިއިރު ތެރޭ ނިންމާ މައްސަލަތައް ފަސް ގަޑިއިރެއްހާ އިރު ތެރޭ ނިންމޭނެ ކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ. ބޮޑެތި މައްސަލަތައް ވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ ކޯޓަށް ފޮނުވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން އަމިއްލައަށް ތަރައްޤީކުރާ އޭއައި ވަސީލަތެއް ބޭނުންކުރާތީ، ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވޭނެ ކަމަށާއި، ތަޙުޤީޤީ އިދާރާތަކަށް ކުރިން ފަސް ދުވަހުން ދެމުން އައި ޖަވާބުތައް އެ ދުވަހަކު ދޫކުރެވޭނެ ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ