ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ފުރިހަމައަށް ޑިޖިޓަލްކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފައިގެން ޕްރޮސެކިއުޝަން ޚިދުމަތް ޒަމާނީކުރުމަށް ކުރިއަށްގެންދާ "ޕީ.ޖީ.އޯ 2.0″ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމުގެ މަޤްޞަދަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު ޕީ.ޖީ އޮފީހަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ، ދެފުށް ފެންނަ، ނަޒާހަތްތެރި، ޑިޖިޓަލް ޕްރޮސެކިއުޝަން ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ޕީ.ޖީ އޮފީހުގައި މިހާރު ބޭނުންކުރާ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އެ ސިސްޓަމަށް އޭ.އައިގެ ޤާބިލުކަން ގުޅުވާލެވޭނެ ކަމަށާއި، މީގެ ސަބަބުން ޤާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދަޢުވާ ފޯމުތަކުގެ ޚުލާޞާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކުރުމުގެ މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށް ޕީ.ޖީ އޮފީހުން ހާމަކުރެއެވެ. މީގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް"ވެސް މި ސިސްޓަމުގައި ހިމެނެއެވެ.
މުހިންމު ކަމެއްގެ ގޮތުގައި، މުޅި ސިސްޓަމް ފަރުމާކޮށްފައި ވަނީ ދިވެހި ބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ ޑޭޓާ ބެލެހެއްޓޭނީ ޕީ.ޖީ އޮފީހުގެ އަމިއްލަ ބިނާރުގައި، ދިވެހިރާއްޖޭގެ ސިޔާދަތީ ކޮންޓްރޯލްގެ ދަށުންނެވެ.
އޭ.އައި ބޭނުންކުރި ނަމަވެސް، ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭ.އައި ނޫން ކަމަށާއި، އެ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކޮށްފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައި ކަން ޕީ.ޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އެ އޮފީހުގެ އެކަޑަމީން ތައްޔާރުކުރި "އެވިޑެންސް، އަ ޕްރެކްޓިޝަނާޒް ގައިޑް" ފޮތާއި، ޕީ.ޖީ އޮފީހުގެ އައު ވެބްސައިޓްވެސް ނެރެދެއްވިއެވެ. މި ބަދަލާއެކު، ޕީ.ޖީ އޮފީހަކީ ސައްތަ އިންސައްތަ އާރް.ޓީ.އައި ކޮމްޕްލަޔަންޓް އިދާރާއަކަށްވެސް ވަނީ ވެފައެވެ.
ހަމަ އެ ރަސްމިއްޔާތުގައި، ޕީ.ޖީ އޮފީހުގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދޭނެ "އީދޮރޯށި" ޕޯޓަލްއާއި، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ފަރުމާކުރި "ލެތުން" ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންވެސް އިފްތިތާޙުކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އިތުރުން ދަޢުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ