އަންނަ އަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިހާބުގައި، މިހާރުވެސް އެ މަގާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯ އަށް، އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކާފް) އިން ތާއީދު ކުރާނެކަން އިއުލާން ކޮށްފި އެވެ.
ކާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި، އިންފަންޓީނޯ އަށް ތާއީދު ކުރުމުގެ މައްސަލައަށް އެ ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފަ އެވެ. މިއީ ކުރިއަށް އޮތް އިންތިހާބުގައި އިންފަންޓީނޯ އަށް ތާއީދު ކުރާނެކަން ރަސްމީކޮށް އިއުލާން ކުރި ފުރަތަމަ ބައްރު ފެންވަރުގެ ފުޓްބޯޅަ އިދާރާ އެވެ.
ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން 54 އެސޯސިއޭޝަނެއް ހިމެނޭ ކާފް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފީފާއިން ތައާރަފު ކުރި "ފީފާ ފޯވަޑް އެންޓަޕްރައިޒަސް" ޕޭ ޕްލޭނާ މެދު މެންބަރު ކޮންފެޑެރޭޝަންތަކުން ނުރުހުންވުމުން، އެ ހުށަހެޅުން އަނބުރައި ގެންދިޔުމަށް އިންފަންޓީނޯ ނިންމެވުމަކީ ޒިންމާދާރު އަމަލެއް ކަމަށެވެ. އަދި އެ ޕްލޭން ހުށަހެޅުމުގައި ގޯސް ހެދިފައިވާ ކަމަށް އިއުތިރާފުވެ، ފީފާގެ ރައީސް މާފަށް އެދިވަޑައިގަތުމުން، އެ މާފް ބަލައިގަންނަ ކަމަށްވެސް ކާފް އިން ބުންޏެވެ.
"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޮތް ތާއީދު، ކާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްތިފާގުވެ އަލުން ކަށަވަރު ކޮށްދެން. އަދި ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ފުޓްބޯޅައަށް އޭނާ ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަން،" ކާފްގެ ބަޔާނުގައިވެ އެވެ. ކާފް އިން ފާހަގަކުރި ގޮތުގައި، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެފްރިކާ ބައްރުގައި ފުޓްބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯ ވަނީ ހާއްސަ އިސްކަމެއް ދެއްވައިފަ އެވެ.
އެހެންނަމަވެސް، އިންފަންޓީނޯ އަށް ބައެއް ބައްރުތަކުން އޮތީ ފާޑުކިޔުމުގަ އެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމުގެ ނިންމުން ދަމަހައްޓައި، އިންފަންޓީނޯ އަށް އިތުބާރު ނެތްކަން ރަސްމީކޮށް ހާމަކޮށްފަ އެވެ. ފީފާ ފޯވަޑް އެންޓަޕްރައިޒަސް ޕްލޭނާ ދެކޮޅަށް، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އާއި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް) އިން ވެސް ވާހަކަ ދެއްކި ނަމަވެސް، އިންފަންޓީނޯ އަށް ތާއީދު ކުރުމާ މެދު އެ ދެ އިދާރާއިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަންނަ އަހަރު މާޗު މަހު މޮރޮކޯގައި ބާއްވާ ފީފާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވީ، ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާ އިންފަންޓީނޯ އެކަންޏެވެ.
ކޮމެންޓު ފޮނުވާ