ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ މެދު ފީފާއިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ދޫކޮށްލައިގެން ތިބޭ ތިބުމަށް، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީ.އެފް.އޭ) އިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
ހޯމަ ދުވަހު ޕީ.އެފް.އޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ނުކުޅެދިފައިވާ ކަމަށެވެ. "ލޯ ކުރިމަތީގައި ގަތުލުއާންމެއް ހިންގަމުންދާއިރު ހަނު ހުރުމަކީ، އެކަމުގައި ބައިވެރިވުން ކަހަލަ ކަމެއް،" ބަޔާނުގައިވެއެވެ.
ޕީ.އެފް.އޭ އިން ބުނާ ގޮތުގައި، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 1,013 އަށްވުރެ ގިނަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީންނާއި ފުޓްބޯޅައިގެ އެކި ދާއިރާތަކުގެ އޮފިޝަލުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ސްޓޭޑިއަމްތަކާއި، ފަރިތަކުރުންތައް ކުރިއަށްގެންދާ މަރުކަޒުތަކާއި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރު ވެސް ވަނީ ސުންނާފަތިކޮށްލާފައެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ކްލަބްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި ޕީ.އެފް.އޭ އިން ހުށަހަޅަމުންދާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، ފީފާއިން މިއަދާ ހަމައަށްވެސް އެކަމަށް އެދެވޭ ހައްލެއް ހޯދައިދީފައެއް ނުވެއެވެ.
މިދިޔަ އަހަރު އިޒްރޭލު ސަސްޕެންޑް ކުރުމަށް އިންކާރު ކުރަމުން ފީފާއިން ބުނެފައިވަނީ "ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލުކުރުމަކީ ފީފާގެ މަސައްކަތެއް ނޫން" ކަމަށެވެ. ނަމަވެސް ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާ ހަމަ ވަގުތުން ސަސްޕެންޑް ކުރި އިދާރާއިން، އިޒްރޭލާ މެދު ގެންގުޅޭ މި ދެފުށްކެހެރި ސިޔާސަތަށް ދުނިޔޭގެ ކަންކޮޅުތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. އަންނަ އަހަރު އޮންނަ ފީފާގެ ރައީސްކަމުގެ އިންތިޚާބުގައި އިންފަންޓީނޯ އަލުން ވާދަކުރައްވާނެއިރު، އޭނާއަށް މީގެ ކުރިން ދެމުން ގެންދިޔަ ތާއީދު އަނބުރާ ގެންދިޔުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފް.އޭ) އިން ވަނީ ނިންމާފައެވެ. ހަމަ އެފަދައިން، ވޭލްސް އަދި ސާބިއާގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވެސް ވަނީ އިންފަންޓީނޯއަށް ދޭ ތާއީދު އަނބުރާ ގެންދިޔަކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.
ފީފާގެ ރައީސްކަމަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 18 ގެ ކުރިން ނަން ހުށަހަޅަން ޖެހޭއިރު، މި މަގާމަށް ކޮންކާކަފްގެ ރައީސް އަދި ފީފާގެ ނައިބު ރައީސް ވިކްޓަރ މޮންޓަގްލިއާނީ ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ. އިންފަންޓީނޯ ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ