ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބާއްވާ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ނިންމައިފިއެވެ.
މިއީ ފުޓްބޯޅަ ކޮންފެޑަރޭޝަނަކުން ފީފާގެ މުބާރާތެއް ބޮއިކޮޓް ކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވި ކުއްލި ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ ޔުއެފާގެ މެންބަރު 55 އެސޯސިއޭޝަންގެ އިއްތިފާގުންނެވެ.
ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމަށްފަހު ޔުއެފާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ މިލްކުވެރިކަމުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ބަދަލުކުރުމަށް ފީފާ އިން ހުށަހަޅާފައިވާ ހުށަހެޅުމާ ސާފުކޮށް ދެކޮޅު ހަދާ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މި ރޭވުމާ ދެކޮޅަށް ބަސް ބުނެފައެވެ. މީގެ ތެރޭގައި ފީފާގެ ވައިސް ޕްރެޒިޑެންޓް އަދި އިނގިރޭސި އެފްއޭގެ ޗެއާ ޑެބީ ހެވިޓް އާއި އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ހިމެނިވަޑައިގަންނަވައެވެ.
ޔޫރަޕްގެ ޓީމުތައް ނުލައި ބާއްވާ މުބާރާތަކަށް އިންވެސްޓަރުން ފައިސާ ހޭދަކުރުމަކީ ނާދިރު ކަމަކަށްވާތީ، ޔުއެފާގެ މި ނިންމުމާއެކު އިންފަންޓީނޯގެ މި މަޝްރޫއު މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. ޔުއެފާގެ މި ބޮއިކޮޓްގެ އަސަރު އެންމެ ފުރަތަމަ ފެންނާނީ އަންނަ ސެޕްޓެމްބަރު މަހު ޕޮލެންޑުގައި ބާއްވާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕާއި، އަންނަ އޮކްޓޯބަރު މަހު ބާއްވާ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުގެ ކޮލިފައިން ޕްލޭ-އޮފް މެޗުތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ