"ބޮޑު ގެއްލުމެއް ދޭނަން"؛ އިރާގުގެ ހަނގުރާމަވެރިންނާއި އީރާނަށް ޓްރަމްޕުގެ އިންޒާރެއް

"ބޮޑު ގެއްލުމެއް ދޭނަން"؛ އިރާގުގެ ހަނގުރާމަވެރިންނާއި އީރާނަށް ޓްރަމްޕުގެ އިންޒާރެއް

Author
އަހުމަދު
29 ޖުލައި 2026 10:42
0

އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއާ ގުޅިގެން، އީރާނަށާއި އީރާނުން ވާގިވެރިވާ އިރާގުގެ ހަނގުރާމަވެރިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

"އަހަރެމެން ދޭނީ ވަރުގަދަ ހަމަލާއެއް. އެ މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕުގެ މި އިންޒާރު ދެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ސައޫދީ އަރަބިއްޔާއާ ގުޅިގެން އެމެރިކާއިން ވަނީ އިރާގުގައި ތިބި، އީރާނުން ވާގިވެރިވާ ހަނގުރާމަވެރިންގެ މަރުކަޒުތަކަކަށް ހަމަލާދީފައެވެ. މިއީ ސައޫދީ އަރަބިއްޔާގެ ހަކަތައިގެ ވިއުގައަށާއި އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކުގެ ރައްދެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ހަމަނުޖެހުންތަކާ އެއްކޮށްވެސް، މިދިޔަ ފެބުރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދާއި އީރާނާ ދެމެދު ފެށުނު ހަނގުރާމަ ނިންމަން ޑިޕްލޮމެޓިކް ހައްލަކާ "ވަރަށް ކައިރިވެއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ބުނަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕުތަކުން ދޭ ހަމަލާތަކުގައި އީރާނުގެ އަތެއް ނުވާ ކަމަށާއި، އެ ގްރޫޕުތަކުން ކަންކަން ނިންމަނީ އަމިއްލައަށް ކަމަށެވެ. އެހެންނަމަވެސް، އީރާނަށް ސީދާ ހަމަލާއެއް ދީފިނަމަ ރައްދު ދޭނެ ކަމަށާއި، އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރަން އީރާނުން ވެސް ބޭނުންވާ ކަމަށް އެ ގައުމުން ބުނެއެވެ.

މި ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މައްޗަށް ޖެހިލައިފައެވެ. އިއްޔެ ފީފާއެއް 84 ޑޮލަރު (1،295ރ.)ގައި ހުރެފައި، މިއަދު ވަނީ 89 ޑޮލަރު (1،372ރ.)އަށް އަރައިފައެވެ. މި ހަނގުރާމަ ފެށުމުގެ ކުރީގައި ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ސުލްހައިގެ ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން، ތެލުގެ އަގު 68 ޑޮލަރު (1،048ރ.)އަށް ދަށްވިއެވެ. ނަމަވެސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް، އީރާނުގެ ގަވައިދާ ހިލާފަށް ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން، އެ އުޅަނދުތަކުގެ ދިފާއުގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމަކީ ފަހުމުނާމާއާ ހިލާފުވުމެއް ކަމަށް އީރާނުން ވަނީ ސިފަކޮށްފައެވެ. މިހާރު އެމެރިކާއިން ވަނީ އީރާނަށް ދެމުން އައި ހަމަލާތައް ހުއްޓައިލައިފައެވެ.

ހުރުމުޒު ކަނޑުއޮޅި މެނޭޖުކުރާނެ ގޮތަކާ މެދު އީރާނުން ދަނީ އޮމާނާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް، ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި، އެ ސަރަހައްދަށް ވަކި ގައުމެއްގެ ބާރު ހިންގައިގެންނުވާނެ ކަމަށް އެމެރިކާ އާއި ގަލްފުގެ ގައުމުތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.