މުބާރާތްތަކުގެ ހިއްސާ ވިއްކާލުމުގެ މަޝްރޫއަށް ތާއީދު ހޯދަން ފީފާއިން 40 މިލިއަން ޑޮލަރު ހުށަހަޅައިފި

މުބާރާތްތަކުގެ ހިއްސާ ވިއްކާލުމުގެ މަޝްރޫއަށް ތާއީދު ހޯދަން ފީފާއިން 40 މިލިއަން ޑޮލަރު ހުށަހަޅައިފި

Author
އަހުމަދު
29 ޖުލައި 2026 10:40
0

ފީފާގެ މުހިންމު މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ މަޝްރޫއަށް ތާއީދުކުރާ ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް) ދިނުމަށް ހުށަހަޅައިފިއެވެ.

ފީފާގެ މެންބަރު 211 އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުވި ސިޓީއެއްގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ ލިބޭ 20 މިލިއަން ޑޮލަރު ހޯދަން ބޭނުންވާނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން މި ހުށަހެޅުމަށް އެއްބަސްވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ގައުމުތަކުން މިކަމަށް އެއްބަސްވެއްޖެނަމަ، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 20 މިލިއަން ޑޮލަރު ވަގުތުން ދޫކުރެވޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ފީފާއިން ގަސްދުކުރަނީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް ވިޔަފާރި ސަބްސިޑިއަރީ ކުންފުންޏެއް އުފެއްދުމަށެވެ. "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި އުފައްދާ މި ކުންފުނީގެ މަދު ހިއްސާއެއް ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލައިގެން ޖުމްލަ 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ފީފާއިން ލަފާކުރެއެވެ. ގައުމުތަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާވެސް ދޫކުރާނީ މި ހިއްސާ ވިއްކައިގެން ލިބޭ ފައިސާއިންނެވެ.

ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ފުޓްބޯޅައިގެ ދުނިޔޭގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. ޔޫރަޕް، އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުން ވަނީ މި މަޝްރޫއު ކުށްވެރިކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ފީފާގެ އަށް ނައިބު ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންނަށްވެސް ނާންގާ އިންފަންޓީނޯ މި މަޝްރޫއު އިއުލާނުކުރުމަކީ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ސަބަބެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.