ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ފުރާ ޓާމިނަލްގައި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް އައު ސަރަހައްދެއް ހުޅުވައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަހުގެ 25 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި މި ސަރަހައްދު ގާއިމުކޮށްފައި ވަނީ ޓާމިނަލް އެކެއްގެ ފުރަތަމަ ބުރީގައި 750 އަކަމީޓަރުގެ ޖާގައެއްގައެވެ. މިއާ އެކު ފުރަން ތިބޭ ދަތުރުވެރިންނަށް އަރާމުކޮށްލައިގެން މަޑުކުރެވޭނެ ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށާއި، މި ސަރަހައްދުގައި ތަފާތު ވައްތަރުގެ ގޮނޑިތައް ބަހައްޓާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުޑަކުދިންނާ އެކު ދަތުރުކުރާ އާއިލާތަކަށް ހާއްސަކޮށްގެން 136 އަކަމީޓަރުގެ ޕްލޭ އޭރިއާއެއް ވެސް މި ސަރަހައްދުގައި ވަނީ ގާއިމުކޮށްފައެވެ. ތަފާތު ލެވެލްތަކުގެ ޕްލޭ ޕްލެޓްފޯމްތަކާއި ބޯޅަ ކުޅޭ ސަރަހައްދުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޖާގައަކީ ކުޑަކުދިންނަށް ރައްކާތެރިކަމާ އެކު ހަރަކާތްތެރިވެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
ދަތުރުވެރިންގެ ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހާއްސަ ކައުންޓަރެއް ވެސް މި ސަރަހައްދުގައި ވަނީ ހުޅުވާފައެވެ. ދިވެހިންނަށް ޑޮލަރު ނެގުމުގެ ހިދުމަތާއި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް މި ކައުންޓަރުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ މިއީ ވީއައިއޭގެ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާ އެކު ވީއައިއޭ އަކީ ދަތުރުވެރިންނާ ރައްޓެހި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަން މި ބަދަލުން ހާމަވެގެންދާ ކަމަށް ވެސް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ