އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ފަސްޓް ލޭޑީ

އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ފަސްޓް ލޭޑީ

Author
އަހުމަދު
07 ޖުލައި 2026 08:04
0

ޤައުމެއްގެ އިޤްތިޞާދީ ފާގަތިކަމާއި، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އެންމެ މުހިންމު ބިންގަލަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ފެށި "ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026″ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ޞިއްޙީ ދާއިރާއަށް އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފުވަމުން އައި ނަމަވެސް، އިންސާނީ އޯގާތެރިކަމާއި ކުލުނަކީ އެއްވެސް މެޝިނަކަށް ނުވަތަ އެލްގޮރިދަމަކަށް ބަދަލުކުރެވޭނެ ސިފައެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ޓެކްނޮލޮޖީއަކީ ހަމައެކަނި އިންސާނުންނަށް ލުއިފަސޭހަ ހޯދައިދޭ އެއްޗަކަށް ވާންޖެހޭނެކަމަށާއި، ޚިދުމަތް ދިނުމުގައި ހުސް ޓެކްނޮލޮޖީއަށް ބަރޯސާނުވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކާއި އައު ބަލިތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ އަދި ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަންވެސް ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކޮށް، އެމީހުންގެ ޙާލަތަށް އަންނަ ބަދަލުތައް އެންމެ އަވަހަށް ދެނެގަންނަ ބަޔަކީ ނަރުހުންކަން ފާހަގަކުރައްވައި، ނަރުހުންގެ ބުރަ މަސައްކަތުގެ އަގު އެކަމަނާ ވަޒަންކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އުމްރާނީ އަދި ޑިޖިޓަލް ކުރިއެރުންތައް ހޯދުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތްކުރަމުންދާކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ. މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.