ގ. ފުންފަޅުގޭ އަލިފާނުގެ ހާދިސާ: ގެއްލުންތައް ދެނެގަނެ މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ގ. ފުންފަޅުގޭ އަލިފާނުގެ ހާދިސާ: ގެއްލުންތައް ދެނެގަނެ މާލީ އެހީތެރިކަން ފޯރުކޮށްދެނީ

Author
އަހުމަދު
07 ޖުލައި 2026 10:37
0

ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެންޑީއެމްއޭއިން މިހާރު ކުރިއަށްގެންދަނީ އިމާރާތުގެ ވެރިންނާ ގުޅިގެން އެޕާޓްމަންޓްތަކަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ބެލުމުގެ މަސައްކަތެވެ. މިގޮތުން އެއްކުރެވޭ މައުލޫމާތަށް ބިނާކޮށް، ގެއްލުން ލިބުނު ފަރާތްތަކަށް ދައުލަތުން މާލީ އެހީތެރިކަން ހަމަޖައްސައިދޭނެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު 109 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އާދިއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ވަނީ ހަމަޖައްސައިދީފައެވެ.

މި ހާދިސާގައި އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިމާރާތުގެ 5 ވަނަ ފަންގިފިލާއަށެވެ. އެހެންކަމުން އެ ފަންގިފިލާގެ 3 އެޕާޓްމަންޓެއްގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، ސީދާ ގޮތެއްގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޯ ދުމުގެ އަސަރުކޮށްގެން 28 މީހަކަށް (އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭއިން 3 މީހަކަށް) ފަރުވާދީފައިވެއެވެ. މިހާރު ކުރިއަށްދަނީ ދުމާއި ގެންދަބުޅީގެ ސަބަބުން ހަޑިވެފައިވާ ތަންތަން ސާފުކުރުމުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.