އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ވޮޝިންޓަންގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮމިއުނިޒަމްގެ ނުރައްކަލާ ގުޅޭގޮތުން ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި އެވެ.
ކެމްޕޭން ސްޓައިލަށް ދެއްވި މި ތަގުރީރުގައި ޓްރަމްޕް ވަނީ އެމެރިކާގެ ތާރީހީ އަދި އަސްކަރީ ކާމިޔާބީތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމެރިކާއިން ހަނދަށް ދިއުމާއި އޭނާގެ ސަރުކާރުން އީރާނުގެ އަސްކަރިއްޔާ ބަލިކޮށްލުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ. ހަމައެހެންމެ، އިންތިހާބުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ވޯޓުލާއިރު ރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން މަޖުބޫރުކުރުމަށާއި، ސިޓީ މެދުވެރިކޮށް ވޯޓުލުން ހަނިކުރުމުގެ ގާނޫނެއް ފާސްކޮށްދިނުމަށް އޭނާ ވަނީ ކޮންގްރެސްއަށް ގޮވާލައްވާފަ އެވެ.
އެމެރިކާގައި ކޮމިއުނިޒަމް ފެތުރެމުންދާ ކަމަށް ތުހުމަތުކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ ކެންސަރެއް ފަދަ ނުރައްކާތެރި އެއްޗެއް ކަމަށާއި، އެކަން ފެށުމުގެ ކުރިން ވަގުތުން ހުއްޓުވައި މުލުން ލުހެލަން ޖެހޭ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދެ ގަޑިއިރު ފަހުން ފެށި މި ރަސްމިއްޔާތުގައި 'ފްރީޑަމް 250′ ގެ ދަށުން ނޭޝަނަލް މޯލްގައި ތަފާތު ގައުމީ ހަރަކާތްތަކާއި ހަވާ އެރުވުން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް، މި އުފާފާޅުކުރުންތަކަށް ސިޔާސީ ކުލަވަރު މާބޮޑަށް ވަދެފައިވާތީ ޑިމޮކްރެޓުން ކޮންޓްރޯލްކުރާ ބައެއް ސްޓޭޓްތަކުންނާއި ބައެއް ފަންނާނުން ވަނީ މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާފަ އެވެ. ރޮއިޓާސް އަދި އިޕްސޮސްގެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައިވެސް، ޑިމޮކްރެޓުންގެ ގިނަ ބަޔަކާއި ރިޕަބްލިކަނުންގެ ދެބައިކުޅަ އެއްބައި މީހުން ހިމެނޭހެން ގިނަ އެމެރިކާ ރައްޔިތުން ދެކޭ ގޮތުގައި މި މުނާސަބަތު ވަނީ މާބޮޑަށް ސިޔާސީ ކުރެވިފަ އެވެ.
ކޮމެންޓު ފޮނުވާ