ގައުމީ ގާލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ގާލް ގައިޑަކީ އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގާލް ގައިޑް ހަރަކާތަށް 75 އަހަރު ފުރިފައިވާއިރު، މިއަހަރަކީ ސަރުކާރުން މި ހިދުމަތް ބަލައިގަނެ ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ. 1950 ގެ އަހަރުތަކުގައި ރާއްޖޭގައި ފެށުނު މި ހަރަކާތުގެ ބައިވެރިން ވަނީ ސަރުކާރުގެ ރަސްމީ މުނާސަބާތަކުގައާއި، އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި ގައުމު ބިނާކުރުމުގެ އެންމެ މުހިންމު އަސާސަކީ މީހުން ބިނާކުރުމެވެ. އަދި މީހުން ބިނާކުރާއިރު އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭއިރު، ގާލް ގައިޑް ހަރަކާތަކީ އަންހެނުން ތަރައްގީކުރުމަށް އޮތް ވަރަށް މުހިންމު ވަސީލަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގަޑިއަށް ފަރުވާތެރިވުމާއި، ޒިންމާދާރުވުމާއި، ނުރަނގަޅު ވިސްނުންތަކާ ދުރުވެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ސިފަތައް މި ހަރަކާތުގެ ތެރެއިން ކުދިންނަށް ދަސްކޮށްދޭކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ