ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ފެނަކަ ކޯޕަރޭޝަނުން ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ކުދި ރަށްރަށުގައި ގިނަ އަދަދެއްގެ ޒުވާނުންނަށް ފެނަކައިން ވަޒީފާ ދިނުމުން، މަސްދޯނިފަހަރަށް ފަޅުވެރިން ނުލިބުމުގެ މައްސަލަ ބޮޑުވެގެން ދިޔަ ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް ކެޔޮޅުންނާއި ފަޅުވެރިން މަސްވެރިކަން ދޫކޮށްލައި، ބައެއް ރަށްރަށުގެ މަސްދޯނިތައް ރިސޯޓުތަކަށް ސަޕްލައި ކުރާ ދޯނިތަކަކަށް ބަދަލުކޮށް ކުއްޔަށް ދޭންޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. ސިޔާސީ މަންފާއަށް ކުންފުނިތަކުން ވަޒީފާ ބެހުމުގެ ސަބަބުން މަސްވެރިން ހޯދަން ދަތިވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން ދަމަހައްޓަން އެންމެ އުނދަގޫ ކުންފުންޏަކީ ފެނަކަ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެހެންކަމުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފެނަކައިން ދާދިފަހުން ވަނީ ހުޅުވާލާފައެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވިދާޅުވި ގޮތުގައި، މި ފުރުސަތުގެ ދަށުން 97 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައެވެ. ގާތްގަނޑަކަށް 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން ބުނެފައިވަނީ، މުވައްޒަފުން މަދުކުރުމަކީ އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ތަނަކަށް ހެދުމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ