ފިނި މޫސުމާ ދިމާކޮށް ފްރާންސްގެ 'ފްރެންޗު ބީ' އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ފިނި މޫސުމާ ދިމާކޮށް ފްރާންސްގެ 'ފްރެންޗު ބީ' އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

Author
އަހުމަދު
24 ޖޫން 2026 10:29
0

މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް، ފްރާންސްގެ ސްމާޓް-ކޮސްޓް އެއާލައިން "ފްރެންޗު ބީ" އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި ދަތުރުތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. އެ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި، އެ ކުންފުނީގެ އޭވިއޭޝަން ނެޓްވޯކް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް ދަތުރުތައް ފަށާނެއެވެ. އަދި މި ދަތުރުތައް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފްރެންޗު ބީގެ ސީއީއޯ މާކް-އެންޓޮނީ ވިދާޅުވީ، ރާއްޖެ އާއި ލަންކާއަށް ދަތުރުތައް ފެށުމަކީ އެ އެއާލައިނުގެ ނެޓްވޯކް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ފިނި މޫސުމުގެ ޗުއްޓީ މި ދެ މަންޒިލުގައި ހޭދަކުރަން ބޭނުންވާ ފަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފްރާންސަކީ ރާއްޖެއަށް ހަތްވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެ ގައުމުން 29،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.