ތަޢުލީމީ ދާއިރާގައި މިއާންޒް ކޮލެޖުން ހޯދަމުންދާ ހަލުވި ކާމިޔާބީތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެ ކޮލެޖަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.
މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، އެ ކޮލެޖަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ، މުޅި ދައުލަތްވެސް ފަޚުރުވެރިވާފަދަ ނަމޫނާ މުއައްސަސާއެއް ކަމަށެވެ. އަދި ތަޢުލީމަކީ އިންސާނާގެ ތަރައްޤީގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވައި، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ކިބައިގައި ހުންނަ ރިވެތި އަޚުލާޤާއި އުޅުމުން ފެންނަ ސިފަތަކެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް މުޚާޠަބުކުރައްވައި ފަސްޓް ލޭޑީ ވަނީ، އިސްލާމްދީނަށާއި ޤައުމަށް ލޯބިކުރާ، އަދި އަމިއްލަ މަސައްކަތުން ކުރިއަރަން މަސައްކަތްކުރާ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މި ޙަފުލާގައި މިއާންޒް ކޮލެޖުގެ ބާނީ އަދި ޗެއަރމަން އަޙްމަދު މުއްތަކީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން، ކޮލެޖުގެ ރަސްމީ ލަވަ ތަޢާރަފުކުރުމާއި ދަރިވަރުންގެ ޖަމިއްޔާގެ އައު އެގްޒެކެޓިވް ކޮމިޓީ އިފުތިތާހުކުރުންވެސް މި ޖަލްސާގައި ކުރިއަށްދިޔައެވެ. މި ތާރީޚީ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް އިސްވެރިންނާއި، ބޭރުގެ ސަފީރުންގެ އިތުރުން ކޮލެޖުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ