ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މަގުބައްތިތަކަށް ގެއްލުންދީ، ކޭބަލްތައް ވަގަށް ނެގި މައްސަލައެއް މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ވައްކަމާއި ގެއްލުންދިނުމުގެ އަމަލު ހިންގާފައިވަނީ ވިލިމާލޭގެ ކުރީގެ ބޯޓް ޔާޑް ސަރަހައްދާއި ވެމްކޯ ސަރަހައްދުގައެވެ. އެގޮތުން ބޯޓް ޔާޑް ސަރަހައްދުގައި ހުރި ބައްތިތަކުގެ ކޭބަލްތައް ބުރިކޮށްގެން ވަގަށް ނަގާފައިވާއިރު، ވެމްކޯ ސަރަހައްދުގައި ހުރި ލައިޓްތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ދީފައެވެ.
ކޭބަލްތައް ވަގަށް ނެގުމުގެ ސަބަބުން އެ ސަރަހައްދުތައް އަނދިރިވެ އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ މިފަދަ އަމަލުތައް ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ސިޓީ ކައުންސިލްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުތަކުގައި އާ ކޭބަލް އަޅައި، ހަލާކުކޮށްލާފައިވާ ލައިޓްތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.
މަގުބައްތިތަކުގެ ކޭބަލް ވަގަށް ނެގުމަކީ މީގެ ކުރިން މާލެ އާއި ހުޅުމާލޭގައި ވެސް ވަރަށް ގިނައިން ފެންމަތިވެފައިވާ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ