ގަތަރުން އެމެރިކާއަށް ހަދިޔާކުރި، 100 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު އާ "އެއާ ފޯސް ވަން" މަތިންދާބޯޓު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކޮށް ދައްކާލައްވައިފި އެވެ.
ޖޮއިންޓް ބޭސް އެންޑްރޫސްގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ބޯޓު ދައްކާލައްވަމުން ޓްރަމްޕް ވަނީ މިއީ ދުނިޔޭގައި އޮތް އެންމެ ލަގްޒަރީ މަތިންދާބޯޓުގެ ގޮތުގައި ސިފަކުރައްވައި، މިއަށް "ފްލައިން ވައިޓް ހައުސް" ނުވަތަ އުދުހޭ ވައިޓް ހައުސްގެ ނަން ދެއްވާފަ އެވެ. އަދި މިފަދަ އަގުބޮޑު ހަދިޔާއެއް ދެއްވި ކަމަށްޓަކައި ގަތަރުގެ އަމީރަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
މި ބޯޓާ ގުޅިގެން އެމެރިކާގެ ގާނޫނުއަސާސީ އާއި ސުލޫކީ މިންގަނޑުތަކުގެ އިތުރުން ސަލާމަތީ ކަންކަމާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް، ޓްރަމްޕް ވިދާޅުވީ މިފަދަ ހަދިޔާއެއް ގަބޫލުނުކުރުމަކީ މޮޔަކަމެއް ކަމަށެވެ. އަދި ވެރިކަމުގެ ދައުރު ނިމުމުން މި ބޯޓު އޭނާގެ ރިޔާސީ ލައިބްރަރީއަށް ހަދިޔާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބޯޓުގެ އެތެރެ ފަރުމާކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. ބޯޓުގެ އެތެރެ ބަލައިލުމުގެ ފުރުސަތު ލިބުނު ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި ބޯޓުގައި ލެދަރު ގޮނޑިތަކާއި، މަޑު ދޫލަތަކާއި، ފެންވަރު ރަނގަޅު ލަކުޑީގެ ފެނަލްތައް ހުރިއިރު، ބިތްތައް ހުރީ ރަން-މުށި ކުލައެއްގަ އެވެ. މީގެ އިތުރުން ގައުމީ ރޫހު ރަމްޒުކޮށްދޭ ގިނަ ފޮޓޯތަކެއް ބިތްތަކުގައި ހަރުކޮށްފައިވެ އެވެ. ކުރީގެ ބޯޓުތަކާ ހިލާފަށް މި އާ ބޯޓުގެ ބޭރުގައި ހުރީ ގަދަ ނޫކުލައަކާއި ހުދުކުލައިގެ އިތުރުން މެދުގައި ރަތްކުލައިގެ ރޮނގަކާ އެކުގަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ކުރިން ބޭނުންކުރި ހުރިހާ އެއާ ފޯސް ވަން ބޯޓުތަކަށްވުރެ މާ ދުރަށް އަދި މާ ބާރަށް ދަތުރުކުރެވޭނެ އުޅަނދެކެވެ. 1990 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އައި ބޮއިންގް 747 ގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ބޭނުންކުރުން ވައިޓް ހައުސްއިން ބުރާސްފަތި ދުވަހު ވަނީ ހުއްޓާލާފަ އެވެ. އެމެރިކާ ސަރުކާރުން ބޮއިންގް ކުންފުންޏާ ހަވާލުކޮށްގެން ހަދަން އުޅުނު އާ ބޯޓުތަކުގެ މަޝްރޫއު ބަޖެޓަށްވުރެ ހަރަދު ބޮޑުވެ ލަސްވެފައި ވަނިކޮށް ލިބުނު މި އާ ބޯޓު، އަންނަ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކުގައި އުދުހޭތަން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓު ފޮނުވާ