ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026″ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވައި އެކަމަނާ މި މުބާރާތް ފައްޓަވައިދެއްވުމަށްފަހު، ފުރަތަމަ މެޗުގައި ވާދަކުރި ޖަމާލުއްދީން ސްކޫލާއި ހުރަވީ ސްކޫލުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރަށް ކުޅުނު ފުރަތަމަ މެޗު 23-3 ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް" ކަމަށް ހޮވުނު ހުރަވީ ސްކޫލްގެ އާމިނަތު ތުޤާއަށް އިނާމު ޙަވާލުކޮށްދެއްވީވެސް މެޑަމް ސާޖިދާއެވެ.
މިއީ ކުރިން 'އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް’ގެ ނަމުގައި ބާއްވަމުން އައި މުބާރާތް އަލަށް ބްރޭންޑް ކުރުމަށްފަހު ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި މައިގަނޑު ދެ އުމުރުފުރާއަކުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 އަހަރުން ދަށުގެ 14 ޓީމަކާއި 17 އަހަރުން ދަށުގެ 11 ޓީމެކެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ނެޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ