ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރުމުގައި ދީލަތިވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކަކީ މުޖުތަމައުގައި ގިނަ ގޮތްގޮތުން ވަރަށް ހާއްސަ އަދި ޝަރަފުވެރި ބައެއް ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ގުރުބާންވާ މީހުންގެ އަގުވަޒަންކޮށް، އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދިނުމުގެ އިތުރުން މީހުންގެ މެދުގައި ކުލުނާއި އިހުތިރާމް އާލާކުރުން ކަމަށްވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
ލޭ ހަދިޔާކުރުމަށް ފަސްޖެހޭ އަދި ބިރުގަންނަ ފަރާތްތަކަށް ހިތްވަރު ދެއްވަމުން، އެކަމަނާ ވަނީ މި އަގުހުރި އިންސާނީ ހިދުމަތުގައި ބައިވެރިވެ ދަރުމަ ލިބިގަތުމަށް އެދިވަޑައިގެންފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަސް ލޭ ހަދިޔާކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "އިންސާނިއްޔަތުކަމުގެ މަތިވެރި އަމަލެއް؛ ލޭ ހަދިޔާކުރައްވައި، ފުރާނައެއް ސަލާމަތްކޮށްދެއްވާ!" މިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ލޭ ހަދިޔާކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެވެ. އޭގެ ތެރޭގައި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރި މީހުންނާއި، އަލަށް ލޭ ހަދިޔާކުރަން ފެށި އުމުރުން 18 އަހަރުގެ ޒުވާނުންގެ އިތުރުން، މިދިޔަ އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕުތައް އިންތިޒާމުކުރި ފަރާތްތައް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ