އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އުމުރުން 15 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށެވެ. މިކަމާ ގުޅިގެން އަނިޔާ ލިބުނު ކުއްޖާގެ އިތުރުން އާއިލާގެ ބައެއް މެމްބަރުންގެ ބަޔާން ތަހުގީގަށް މިހާރު ވަނީ ނަގާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން، މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ގާނޫނުގައި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށަކަށް ވާއިރު، ކުއްޖާގެ އިތުބާރު ހިފޭ މަގާމެއްގައި ނުވަތަ ދައުލަތުގެ މަސްއޫލިއްޔަތެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމުން ކުށުގެ ބާވަތާއި ދަރަޖަ އިތުރަށް ބޮޑުވެގެންދެއެވެ.
ކޮމެންޓު ފޮނުވާ