ވައިގެ މަގުން އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

Author
އަހުމަދު
10 ޖޫން 2026 03:18
0

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 8.49 ކިލޯގްރާމް (8490 ގްރާމް) ހުއްޓެވެ. އަދި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ދައްކާގޮތުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝިޝް އޮއިލް' އެވެ. ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެއެވެ.

މި މައްސަލައިގައި ޝާމިލްވަނީ ކޮން ގައުމެއްގެ ބައެއްކަން ނުވަތަ މީހަކު ހައްޔަރުކޮށްފައިވާކަން ކަސްޓަމްސްއިންނާއި ފުލުހުންގެ އިދާރާއިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ބައެއް ޒުވާނުންގެ އަތުން ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ތަހުގީގުގައި ބުނަމުންދަނީ، އެމީހުން ރާއްޖެއަށް އައީ ގުރުއަތަކުން ލިބުނު ހިލޭ ދަތުރުތަކެއްގައި ކަމަށެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.