މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި

Author
އަހުމަދު
30 މެއި 2026 05:11
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް އެޖެންޑާކޮށްފިއެވެ.

ނާޒިމްގެ މައްޗަށް ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތުކޮށް، އޭނާ މަގާމުން ދުރުކުރުމަށް ވެރިކަންކުރާ ޕީއެންސީން ނިންމައި މަޖިލީހަށް ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 72 މެންބަރުންގެ ސޮޔާއެކުގައެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން، މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މާދަމާ މި މައްސަލަ ކުރިއަށް ގެންދާއިރު، މިއީ މި ދައުރުގެ އެންމެ ފަހު ޖަލްސާކަންވެސް ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ވަގުތުތައްވެސް ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް ޖުމްލަ އެއް ގަޑިއިރު ހޭދަކުރުމަށް ނިންމާފައިވާއިރު، މެންބަރުންގެ ބަހުސަށް ދީފައިވަނީ 50 މިނެޓެވެ. އަދި އަމިއްލަ ދިފާއުގައި ވާހަކަދެއްކެވުމަށް ނާޒިމަށް 10 މިނެޓުގެ ފުރުސަތެއް އެރުވުމަށް ވަނީ ނިންމާފައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މި މައްސަލައާމެދު ގޮތެއް ނިންމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.