ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވާދަކުރެއްވުމަށް، ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ތުހުމަތުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މުންދު ވިދާޅުވީ، ފާއިތުވި ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ނުފެންނަ ގިނަ ބަޔަކު ކުއްލިއަކަށް ނުކުމެ ސަރުކާރަށް ފާޑުކިޔަން ފަށާފައިވާ ކަމަށެވެ. ނޫސްވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައި ކުރީގެ ރައީސުން އެކުލަވާލައްވަން އުޅުއްވާ އިއްތިޙާދުގެ ޙަޤީޤީ ބޭނުމަކީ، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ނުކުމެވަޑައިގަންނަވާއިރު އެމަނިކުފާނާ ދެކޮޅަށް ނުކުންނަވާނެ ކެންޑިޑޭޓަކަށް ވުމުގެ ފުރުޞަތު ހޯއްދެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ފާހަގަކުރެއްވި ގޮތުގައި، މާޒީގައި އެއްބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކޮށް، އެންމެ ބޮޑެތި ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު އެކުގައި މަސައްކަތްކުރައްވަން ނިންމެވުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. އެބޭފުޅުންގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދީފައިނުވާކަން ވިސްނާލަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ތުހުމަތުތަކެއް ސަރުކާރުން ކޮށްފައިވާއިރު، 2028 ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެ ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ފައްޔާޒް އިސްމާޢީލާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ޢަބްދުﷲ ޝާހިދުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. ހަމައެހެންމެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މީގެ ކުރިން އިޢުލާނުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ