މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ހުށަހަޅައިފި

Author
އަހުމަދު
14 މެއި 2026 04:48
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަގާމުން ވަކިކުރުމަށް، ވެރިކަންކުރާ ޕީއެންސީން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި ގަރާރުގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވަނީ، ނާޒިމް މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތްކުރައްވާ ކަމަށެވެ. ނަމަވެސް، ނާޒިމް ބުރަވެވަޑައިގަންނަވާ ކަމަށް ބުނާ ސިޔާސީ ފިކުރަކީ ކޮބައިކަން އެ ގަރާރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި ނާޒިމް ފުޅާ ދާއިރާއެއްގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، ގާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް އޭނާ ހުރަހަކަށް ވެފައިވާކަން ސާފުވާން އޮތް ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރޭގެ ވަގުތެއްގައި ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.