އައްޑޫސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ފޯރަމެއް މި ހިނގާ މޭއި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ 2027 އިން 2029 އަށް އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާނުކުރައްވާފައިވާ ޕައިލެޓް ޕްރޮޖެކްޓް ފެށުމުގެ ގޮތުން ބާއްވާ ފޯރަމެއް ކަމަށެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ދައުވަތު އައްޑޫއާއި ދެކުނުގެ ވިޔަފާރިވެރިންގެ އިތުރުން، މާލޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އައްޑޫގެ ބޭފުޅުންނާއި އާންމު ހުރިހާ ވިޔަފާރިވެރިންނަށް ވަނީ ހުޅުވާލާފައެވެ.
މި ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ދައުލަތުގެ އެހެން ބައެއް ވުޒާރާތަކުންވެސް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ ހިމެނޭއިރު، ލޭބަރ އަދި ޓެކްނޮލޮޖީއާ ގުޅޭ މުހިންމު މައުލޫމާތުތައް މި ފޯރަމްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ދަތުރުގެ ތެރެއިން އައްޑޫގެ ތަރައްޤީއަށް މުހިންމު އިތުރު މަސައްކަތެއް ފެށިގެންދާނެކަންވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ހިތަދޫ ޕޯޓު ސަރަހައްދުގައި ތަރައްޤީކުރާ ފްރީ ޒޯން މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ތައްޔާރުވަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ