ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކޮޅުނބުގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ޒިޔާރަތްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ އެ ހޮސްޕިޓަލަށް ވަޑައިގަތުމާއެކު، އެތަނުގެ އިސްވެރިން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި މި ޒިޔާރަތުގެ ތެރެއިން ހޮސްޕިޓަލުގެ މަސައްކަތްތަކާއި ތާރީޚާ ގުޅޭ މަޢުލޫމާތު ހިމެނޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް އެކަމަނާއަށް ވަނީ ހުށަހަޅައިދީފައެވެ.
މީގެ އިތުރުން، އެކަމަނާ ވަނީ ހޮސްޕިޓަލުގެ ކަށީގެ ވޯޑާއި، ޕްލާސްޓިކް ސާޖަރީ ވޯޑުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް ވަޑައިގެންފައެވެ. އަދި އެތަންތަނުން ފަރުވާ ހޯދަމުންދާ ބަލިމީހުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޙާލު އޮޅުންފިލުއްވާފައިވެއެވެ.
މި ޒިޔާރަތް ނިންމަވާލައްވަމުން ހޮސްޕިޓަލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މެޑަމް ސާޖިދާ ވަނީ ބަޔާނެއް ލިޔުއްވާފައެވެ. އެ ބަޔާނުގައި، ކުޑަކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަމުންގެންދާ މުހިންމު އަދި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައިވެއެވެ.
ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ ސްރީލަންކާގައި އެއްވެސް އަގެއް ނުނަގައި، ހިލޭ ސާބަހަށް ކުޑަކުދިންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ.
ކޮމެންޓު ފޮނުވާ