ކިއުބާގެ މައްޗަށް އެމެރިކާއިން ވަރަށް އަވަހަށް ކޮންޓްރޯލް ނަގާނެކަމުގެ އިންޒާރާއެކު، އެ ގައުމުގެ އައްސޭރިފަށަށް އަސްކަރީ މަނަވަރު ފޮނުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކިއުބާގައި މިހާރު ހުރި ބޮޑެތި މައްސަލަތަކާއެކު އެމެރިކާއިން ދެން އެންމެ އަވަހަށް ހިފާނީ އެ ގައުމު ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" ކިއުބާގެ އައްސޭރިފަށާ 100 ޔާޑު ކައިރިއަށް ގެންދިއުމުން އެ ގައުމުން އަމާންދޭނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންޒާރުތަކާއެކު، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ޓްރަމްޕް ވަނީ ކިއުބާގެ ސަރުކާރުގެ އިސްވެރިންނާއި އެ ގައުމުގެ ހަކަތައާއި ދިފާއީ އަދި މާލީ ދާއިރާތަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ އިތުރުން، ކިއުބާއަށް ތެޔޮ އެތެރެކުރުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ވަނީ ކަރަންޓުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިފައެވެ. އަދި ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ އެހެން ގައުމުތަކަށްވެސް ޓެރިފް ބޮޑުކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދަނީ ދެމުންނެވެ.
އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް ކަމަށް ބުނެ ކިއުބާގެ ފޮރިން މިނިސްޓަރު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މި ފިޔަވަޅުތަކާއި އިންޒާރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
ކޮމެންޓު ފޮނުވާ