ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެ ފަހަތަށް ދިޔުމަކީ ހަމައެކަނި ސަރުކާރުގެ މައްސަލައެއް ނޫން: މުންދު

ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެ ފަހަތަށް ދިޔުމަކީ ހަމައެކަނި ސަރުކާރުގެ މައްސަލައެއް ނޫން: މުންދު

Author
އަހުމަދު
30 އޭޕްރިލް 2026 03:18
0

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި، އެކަމުގައި އެންމެންގެ ޒިންމާވެސް އެބައޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ ދަރަޖަ ހަތަރު ގުނަ ދަށަށް ދިޔައީ ސަރުކާރުން މަޖިލީހަށް ހުށަހެޅި މީޑިއާ ކޮމިޝަން ބިލުގެ ސަބަބުންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ހަމައެކަނި ސަރުކާރާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް އެކުލަވާލާ އެއްޗެއް ނޫން ކަމަށާއި، އޭގެ ޒިންމާ ނޫސްވެރިންވެސް ނަގަންޖެހޭނެ ކަމަށެވެ.

އިންޑެކްސް އިން ރާއްޖެ ފަހަތަށް ދިޔުމަކީ އެއްވެސް ބަޔަކު ހިތްހަމަޖެހޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މިކަން ރަނގަޅުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ޕީއެންސީއަށް ލިބޭ ހުތުރެއްގެ ބަދަލުގައި މުޅި ގައުމަށް ލިބޭ ހުތުރެއް ކަމުން، ހާލަތު ބަދަލުކުރުމުން އޭގެ ރީތި ނަން ލިބޭނީވެސް މުޅި ގައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑެކްސްގައި ގައުމުތައް ރޭންކު ކުރަނީ އަޅާކިޔައިގެން ކަމަށްވާއިރު، ރާއްޖެ ފަހަތަށް ދިޔުމުގެ މާނައަކީ އެހެން ގައުމުތަކެއް ކުރިއަށް އެރުން ކަމުގައި ވެސް ވެދާނެކަން މުންދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހެޔޮ ނިޔަތުގައި ކުރާ ކަންކަން ސިޔާސީ ބޭނުމަށް އޮޅޭގޮތަށް ޗެޓްޖީޕީޓީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، ސީޕީޖޭ އަދި އާރްއެސްއެފް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށާއި އެ ފަރާތްތަކަށް އަބަދުވެސް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.