ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނީ މަދުކޮށް ނިމުމުން: މުންދު

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނީ މަދުކޮށް ނިމުމުން: މުންދު

Author
އަހުމަދު
30 އޭޕްރިލް 2026 03:17
0

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނީ، އެ އަދަދު މަދުކުރުމަށް މިހާރު ކުރިއަށްގެންދާ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

"ޕްރެސާ ވިތު ދަ ސްޕޯކްސް" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި އިންތިޤާލީ މަރުޙަލާގައި ކަނޑައެޅި އަމާޒެއްކަން ފާހަގަކުރެއްވި ނަމަވެސް، އެ އަދަދު އިތުރުވެގެންދިޔަ ސަބަބު އޭނާ ސާފުކޮށެއް ނުދެއްވައެވެ. ނަމަވެސް، ރައީސްގެ ނިންމެވުމާ އެއްގޮތަށް ސިޔާސީ މަޤާމުތަކުގެ ތިންބައިކުޅަ އެއްބައި މަދުކުރުމުގެ މަސައްކަތް މިހާރުވެސް ރައީސް އޮފީހުން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ސީދާ އަދަދެއް ހާމަނުކުރައްވާ ސަބަބު ބަޔާންކޮށްދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ފާއިތުވި ދެ ހަފްތާއިން ފެށިގެން މުވައްޒަފުންގެ އަދަދު ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއަދު އަދަދެއް ބުނެފިނަމަ، މާދަމާ އެ އަދަދު އޮންނާނީ ބަދަލުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަދަލުތައް ގެނެސް ނިމުމުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން (އާރްޓީއައި) ހުށަނޭޅި ނަމަވެސް، އެ މަޢުލޫމާތު އާންމުކޮށް އެންމެންނަށް ފެންނަން ހުންނާނެ ކަމުގެ ޔަޤީންކަން މުންދު ދެއްވިއެވެ.

ސިޔާސީ މަޤާމުތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުވެސް 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. ރައީސް މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ކެމްޕެއިނަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ސިޔާސީ ވަޒީފާ ބެހުމަކީ ރައްޔިތުން ބަލައިގަންނަ ކަމަކަށް ނުވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ގޮތަކަށް ވަޒީފާތައް ނުދެއްވާނެ ކަމަށެވެ. ކުރިން އާންމުވެފައިވާ ބައެއް މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އުޅުނީ 1،200 އިން މަތީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.