ރައީސަށް ތުހުމަތުކޮށް އަދަދު ނޫހުން ނެރުނު ރިޕޯޓުގެ މައްސަލަ ހުށަހެޅުއްވީ ރައީސްއެއް ނޫން: ތަރުޖަމާން

ރައީސަށް ތުހުމަތުކޮށް އަދަދު ނޫހުން ނެރުނު ރިޕޯޓުގެ މައްސަލަ ހުށަހެޅުއްވީ ރައީސްއެއް ނޫން: ތަރުޖަމާން

Author
އަހުމަދު
28 އޭޕްރިލް 2026 01:14
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން ދިޔަ ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައިފާސްކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ ފުރުން އެއް މަސްދުވަހަށް މަނާކޮށް އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. ފުލުހުން ބުނެފައިވަނީ މިއީ އެ މުއައްސަސާއިން ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކަށް ސަރުކާރުން އެއްވެސް ބަހެއް ނުބުނާނެ ކަމަށާއި، އެކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނަމަވެސް، އެ މައްސަލައަކީ ރައީސް ޑރ. މުޢިއްޒު ހުށަހަޅުއްވައިގެން ބަލަމުންދާ މައްސަލައެއް ނޫންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އަދަދު ނޫހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އާންމުކުރި މި ޑޮކިއުމެންޓްރީއަކީ ނަން ހާމަނުކުރާ ފަރާތަކުން ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ފުލުހުން އަދަދު ނޫހަށް ވަނުމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ދޮށަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މީޑިއާތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލްކުރުމުގެ ބިލެއް، ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަކާއެކުވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކޮށް، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ. އަދި އެ ގާނޫނުގެ ދަށުން މީޑިއާތައް ބެލެހެއްޓުމަށް އައު ކޮމިޝަނެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.