ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރު ފުޅާވުމަކީ މިންތީގެ ހަމަހަމަކަން ޤާއިމުވުމުގެ އިތުރުން، މުޖުތަމަޢުގެ އަމަންއަމާންކަން ކަށަވަރުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، 2026 އިން 2028 އަށް އެކުލަވާލި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގަތުމުން އެކަމަނާގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައިވާއިރު، އަލަށް އެކުލަވާލި ކޮމިޓީގެ ރަސްމީ ލޯގޯވެސް މި ހަފްލާގައި ވަނީ ދައްކާލާފައެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ފުލުހުންގެ ސަފުތަކުގައި އަންހެން އޮފިސަރުން ގިނަވުމަކީ ގެވެށި އަނިޔާއާއި ޖިންސީ ގޯނާ ފަދަ ނާޒުކު މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގައި އިތުރު ހަރުދަނާކަމެއް ގެނެސްދޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ ޚިދުމަތާމެދު އާންމުން ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އަންހެން ކަނބަލުން ހަމައެކަނި އިދާރީ މަސައްކަތުގައި މަޑުނުކުރައްވައި، ފްރަންޓްލައިން އޮޕަރޭޝަންތަކާއި ތަޙުޤީޤީ މައިދާނަށް ނުކުތުމަށް އެކަމަނާ ވަނީ ވަރަށް ބޮޑަށް ހިތްވަރުދެއްވާފައެވެ.
މީގެ އިތުރުން، އެހެން މުއައްސަސާތަކާ އަޅާބަލާއިރު ފުލުހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އެ ނިސްބަތް އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ހަމައެހެންމެ، ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ދެމިތިބެވޭނެ މަގުފަހިކުރުމުގެ ގޮތުން، ވަޒީފާއާއި ޢާއިލީ ޒިންމާތައް އެކުއެކީގައި ކުރިއަށްގެންދެވޭނެ ފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ