އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުގައި ކުރިއަށްގެންދަން ރާވާފައި އޮތް މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން ކުރަން އޮތް ދަތުރު، ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރައްވައިފިއެވެ.
ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާގެ ދަތުރު ކެންސަލްކުރެއްވީ، އީރާނުގެ ހުށަހެޅުންތައް އެކަށީގެން ނުވާތީ އާއި ދަތުރަށް ބޮޑު ހޭދައެއް ހިނގާނެތީ ކަމަށެވެ. އީރާނުން އެމީހުންގެ ހުށަހެޅުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައި ނަމަވެސް އެއީ ފުދޭވަރެއް ނޫންކަމަށާއި، އީރާނުގެ ވެރިކަމުގެ ތެރޭގައި ބޮޑެތި އޮޅުންބޮޅުންތަކެއް ހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅިފައި މިވަނީ، ލުބުނާނުގައި ހުރި ހިޒްބުاللهގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ މަންދޫބުންނާ ބައްދަލުނުކުރައްވާނެކަން އޭނާ ވަނީ ކުރިންވެސް ހާމަކުރައްވާފައެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން ކުރާ އެއްވެސް މަޝްވަރާއެއްގައި އީރާނުން ބައިވެރިނުވާނެ ކަމަށާއި، މަޝްވަރާއަށް ދިއުމުގެ ކުރިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްވެސް ހާލެއްގައި ބޯނުލަނބާނެކަން ވެސް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބެން ފަށާފައެވެ. އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާއާއި އިޒްރޭލަށް ރައްދު ހަމަލާތައް ދީފައެވެ. އަދި އެމެރިކާއިން ދަނީ އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ހުރަސްއަޅަމުންނެވެ. މިކަމުގެ ސަބަބުން ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ވައިޓް ހައުސްއިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު ނާކާމިޔާބުވި މަޝްވަރާތަކުގައި އިސްކޮށް ހުންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހުންނެވީ އަލުން ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ