ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް، މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީ ކަމަށްވާ 241 ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ވަކިކޮށްފިއެވެ.
ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިޢުލާނުކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމިޓީގައި ނާޒިމްގެ ބަދަލުގައި ޕީއެންސީގެ ފަރާތުން ދެން ތަމްސީލުކުރައްވާނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޒަމީރެވެ. އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ހަމަޖައްސަވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ އެވެ.
މި ބަދަލުތަކާއެކު، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހުގެ ބަދަލުގައި އެ ކޮމިޓީއަށް ނާޒިމް ވަނީ އައްޔަނުކުރައްވާފައެވެ.
މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ނާޒިމް ވަކިކޮށްފައި މިވަނީ، އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީގެ އެތެރެއިން ފަށާފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، ޕީއެންސީގެ ބައެއް މެންބަރުން ވަނީ އެކަން ދޮގުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ