އެމްޑަބްލިޔުއެސްސީގެ އާ މެނޭޖިންގ ޑިރެކްޓަރަކަށް ޙުސެއިން ފަހުމީ އައްޔަންކުރައްވައިފި

އެމްޑަބްލިޔުއެސްސީގެ އާ މެނޭޖިންގ ޑިރެކްޓަރަކަށް ޙުސެއިން ފަހުމީ އައްޔަންކުރައްވައިފި

Author
ހުސައިން
14 އޭޕްރިލް 2026 10:12
0

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އާ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޙުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މަޢުލޫމާތު ދެއްވާގޮތުގައި، މ. ފަތަޙަ، ޙުސެއިން ފަހުމީ އެ ކުންފުނީގެ ބޯޑު މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު އާދިއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ކުންފުނީގެ ހިންގުމާ ހަވާލުވެވަޑައިގަންނަވާނީ ފަހުމީއެވެ.

އެމްޑަބްލިޔުއެސްސީގެ އެމްޑީކަމަށް ވަޑައިގަތުމުގެ ކުރިން ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނޮވެމްބަރު 2023 އިން ފެށިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ.

ޙުސެއިން ފަހުމީއަކީ ޔުޓިލިޓީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގެންނެވި ފަހުމީ ވަނީ އެ ކުންފުނީގައި މެދުކެނޑުމެއްނެތި 27 އަހަރު ޚިދުމަތްކުރައްވާފައެވެ. އަދި ސްޓެލްކޯގެ އެމްޑީކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.