ކައުންސިލް ބައި-އިލެކްޝަންގެ ކެމްޕޭނަށް ފަސްޓްލޭޑީ ސާޖިދާ އައްޑޫ ސިޓީއަށް ވަޑައިގެންފި

ކައުންސިލް ބައި-އިލެކްޝަންގެ ކެމްޕޭނަށް ފަސްޓްލޭޑީ ސާޖިދާ އައްޑޫ ސިޓީއަށް ވަޑައިގެންފި

Author
ހުސައިން
25 މާރޗް 2026 01:38
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭން ހަރަކާތްތައް އަތޮޅުތެރޭގައި ވަރުގަދަކުރުމުގެ މަގުސަދުގައި ފަސްޓްލޭޑީ ފެއްޓެވި މި ދަތުރުފުޅުގައި ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އައްޑޫގެ އެކި ދާއިރާތަކުގެ އިސް ބޭފުޅުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޝުއޫރުތައް އެކަމަނާ އޮޅުންފިލުއްވާނެއެވެ.

އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން ފަސްޓްލޭޑީ ވަނީ ގދ. ތިނަދޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ. އެ ދެ ސިޓީން ވެސް އެކަމަނާއަށް ބޮޑު ތަރުހީބެއް ލިބިވަޑައިގެންފައިވާއިރު، މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދަތުރުފުޅުތަކެއް ކަމަށް ޕީއެންސީން ފާހަގަކުރެއެވެ.

ކައުންސިލް އިންތިޚާބަށް ޕީއެންސީން މުޅި ރާއްޖޭގައި ފޯރިއާއެކު ކެމްޕޭން ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ މާލެ ސަރަހައްދުގައި ކުރިއަށްދާ "ދޮރުން ދޮރަށް" ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. ފަސްޓްލޭޑީ އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅުތަކަކީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކޮށް، ސަޕޯޓަރުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.