މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރި މީހުންގެ ތެރެއިން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ރޭ އަލިފާން ރޯވެފައިވަނީ މ. ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން" ގައެވެ. ގަސްކާނާއާއި ކެމިކަލް ރައްކާކޮށްފައި ހުރި މި ގުދަނުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މުޅި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
މި ހާދިސާއާ ގުޅިގެން ބޯދުމުގެ އަސަރު ކުރުމުގެ ސަބަބުން ޖުމްލަ 15 ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ރޭގެ 2:30 އާ ހަމައަށް 454 މީހަކު ވަނީ އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ. އަދި މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ.
އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 77 މީހުންނަކީ 10 ގެއަކަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން 280 ބިދޭސީއަކާ އެމީހުންގެ ސްޕޮންސަރުން ނުވަތަ ވަޒީފާދޭ ފަރާތްތަކުން ހަވާލުވެފައިވާއިރު، 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބައެއް އާއިލާތައް އަމިއްލައަށް ތިމާގެ މީހުންގެ ގޭގެއަށް ބަދަލުވެފައިވާކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި 7 މީހަކަށް ފަރުވާދިން ނަމަވެސް، އެ ހުރިހާ އެންމެންގެ ހާލުވެސް މިހާރު ސްޓޭބަލް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މ. ތައިބާ މިސްކިތް ކައިރީގައި ހިނގި މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ހުޅުވި އިވެކުއޭޝަން ސެންޓަރު މިހާރު ބަންދުކޮށްފައިވާއިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 115 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ