މިއަހަރުގެ ފިތުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދު ކުލަބޮކިތަކުން ދިއްލައި ޒީނަތްތެރިކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތައް ވެސް ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. ޢީދު ދުވަސްތަކުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ. މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ މުޅި ރާއްޖެ ދިއްލައިގެން ޢީދު ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ޢީދުގެ އުފާވެރިކަން ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ދިއްލުމަށް ނިންމާފައި އޮތް ނަމަވެސް، މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އެ ނިންމުމަށް ބަދަލުގެނެސްފައެވެ.
މި ހާލަތާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއަކުން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ، މި ފަހަރުގެ ފިތުރު ޢީދުގައި އާދައިގެ ރަށްރަށުގައި ޢީދު ލައިޓުތައް ނުދިއްލުމަށެވެ. އޭގެ ބަދަލުގައި ދިއްލުންތައް ކުރިއަށް ގެންދާނީ މާލެއާއި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި އެކަންޏެވެ.
ކޮމެންޓު ފޮނުވާ